ސަރުމީލާ ހަސަން
މިދިޔަ އޭޕްރީލް މަހުގެ 29 ން މެއި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ށ.ފުނަދޫގައި ކުރިއަށް ގެންދިޔަ ރެޑީ ކޭމްޕްގައި 94 ބައިވެރިވެރިންނާއި އެކު ނިންމާލައިފި އެވެ. ފުނަދޫގައި ބޭއްވި މި ކޭމްޕަކީ ރެޑީ ކޭމްޕުގެ ސިލްސިލާގެ ތެރެއިން ބޭއްވި 37 ވަނަ ކޭމްޕެވެ.
ފުރާވަރުގެ ކުދިން ޒިންމާދާރު ހަރުދަނާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ސިފަވަންތަ ބައެއްގެ ގޮތުގައި މުޖުތަމައުގައި އެކުދިންގެ ބައިވެރިވުން އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ށ. ފުނަދޫ ޕޮލިސް ސްޓޭޝާން ގުޅިގެން “ހޭންޑް އިން ހޭންޑް” ޖަމްއިއްޔާގެ އެހީތެރިކަމާއެކު ފުނަދޫގައި ކުރިއަށް ގެންދިޔަ ރެޑީ ކޭމްޕް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މިކަމަށްޓަކައި އިއްޔެ ށ. ފުނަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ސަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލްއެވެ.
މިކޭމްޕުގައި ބައިވެރިވާ ދަރިވަރުންނަށް ރަނގަޅު އަހްލާގާއި ހަރުދަނާ އުސޫލުތަކަށް މަގުފަހި ކުރުމަށް ގިނަ ހަރަކާތްތަކަކާއި ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ނުވަތަ ލިވިންގ ވެލިއުސްގެ ގިނަ ކަންތައްތަކެއް އުގަންނައި ދީފައިވެއެވެ. އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މައުލޫމާތުދީ ި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވ
މުހިއްމު ބައެއް ގާނޫނޫތައް ކަމުގައިވާ އާއްމު އިޖްތިމާއީ މިންގަނޑުގެ ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުމުގެ އިތުރުން ސައިބަ ކްރައިމް އާބެހޭގޮތުންވެސް މިކޭމްޕުގައި ވަނީ މައުލޫމާތު ދީފައެވެ.
މީގެއިތުރުން ދަރިވަރުންނަށް ހަމައެއާއެކު މި ކޭމްޕްގެ ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްގީކުރުމުގެ ސެސަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ