ކައުންސިލުން މިނިސްޓްރީތަކާއި ސަރުކާރާއި ގުޅިގެން ކުރިއަށްގެންދެވެން ހުރިކަންކަމުގައި މައި ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނުން” ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލުގެ ރައީސް އަހުމަދު އިބުރާހިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލުތަކަށް ކިއްތަމެއް ބާރުތަކެއް ލިބިދީފައިވީ ނަމަވެސް ކައުންސިލުތަކަށް ކަންތައް ކުރެވޭނީ މާލިއްޔާ ލިބޭގޮތަށް އޮވެގެން ކަމަށާއި ކައުންސިލުން މިނިސްޓްރީތަކާއި ސަރުކާރާއި ގުޅިގެން ކުރިއަށްގެންދެވެން ހުރި ކަންކަމުގައި މައި ސަރުކާރުގެ އެއްބާރުލުން ކައުންސިލަށް ނުލިބޭ ކަމަށެވެ.
“ކައުންސިލަށް މާލިއްޔާ ލިބޭގޮތަށް އޮވެގެން ކައުންސިލަށް ކަންތައް ކުރެވޭނީ. ގާނޫނުގައި ކޮންމެ އެއްޗެއް ލިއެފަ އޮތްކަމުގައި ވިޔަސް، މިނިސްޓްރީތަކާއި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވެން ހުރި ކަންކަމުގައި މައި ސަރުކާރުގެ އެއްބާރުލުމެއް ހަމަ ނުލިބެ އޭ ދެންނެވޭނީ” އަހުމަދު ވިދާޅުވި އެވެ.
އެހެންނަމަވެސް މިއަހަރު ހދ އަތޮޅު ކައުންސިލުން ރާވާފައިވާ ހައިޑްރޯޕޯނިކްސް ތަމްރީން ޕްރޮގުރާމަށް ފިޝަރީޒް މިނިސްޓްރީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ ބާރުވެރިކަން ހިފެހެއްޓިފައި އޮތް މިންވަރާއި އަޅައި ބަލާއިރު ހދ އަތޮޅު ކައުންސިލުން މާލިއްޔާއަށް ލިބޭ ބަޖެޓްގެ ތެރެއިން ކޮންމެ އަހަރަކު ރާވާ، ކަނޑައަޅައި ލަނޑުދަނޑިތަކުގައި ހުރި ކަންތައްތަކުގެ 100 ޕަސެންޓް މަސައްކަތް ކުރެވިފައި ހުންނާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.