ބަޔާން މިއުނިކް ކަޓުވާލުމަށްފަހު އެތުލެޓިކޯއިން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ ބަޔާން މިއުނިކުގެ އެލައަންޒް އެރީނާގައި ކުޅުނު މެޗު ބަޔާން އިން 2-1 އިން ކާމިޔާބުކުރި ނަމަވެސް 2-2 ގެ އެގްރިގޭޓް ސްކޯ އަކުން ދެ ޓީމު އެއްވަރުވުމުން، އެތުލެޓިކޯއަށް ފައިނަލުގެ ޖާގަ ލިބުނީ އަވޭ ގޯލުގެ އުސޫލުންނެވެ.
މިއީ ތިން އަހަރުތެރޭ އެތުލެޓިކޯއިން ފައިނަލަށް ދަތުރުކުރި ދެ ވަނަ ފަހަރަށްވާއިރު މިއީ ބަޔާން މިއުނިކު މި މުބާރާތުގެ ސެމީއިން ޖެހިޖެހިގެން ކެޓި ތިން ވަނަ ސީޒަނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ބަޔާން މިއުނިކުއިންނެވެ. މިއީ ޕެނަލްޓީ އޭރިޔާގެ ކުރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 31 ވަނަ މިނެޓްގައި ޒާބީ އެލޮންސޯ ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ގޮސް ގޯލަށް ވަންއިރު ކީޕަރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އޭގެ ދެ މިނެޓް ފަހުން އެތުލެޓިކޯގެ ގިމެނޭޒް ކުރި ފައުލަކާ ގުޅިގެން ބަޔާން ލިބުނު ޕެނަލްޓީ އެތުލެޓިކޯގެ ކީޕަރ ޖޭން އޮބްލަކް ވަނީ ދިފާއުކޮށްފަ އެވެ. ޕެނަލްޓީ ފޮނުވާލީ ތޯމާސް މުލާ އެވެ.
އެތުލެޓިކޯއިން ވަނީ ފަހު ހާފުގެ ކުރީކޮޅު ކައުންޓަރ އެޓޭކެއްގައި ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓޮރޭސް ދިން ތުރޫ ޕާހަކުން އެންޓޮއިން ގުރިޒްމަން ކާމިޔާބުކުރި ލަނޑެކެވެ.
ފުލުފުލުގައި ބަޔާން އިން ހަމަލާތައް އުފައްދަމުން ދިޔައިރު ބަޔާން އިން ދެވަނަ ފަހަރަށް މި މެޗުގައި ލީޑު ހޯދީ 74 ވަނަ މިނެޓްގައި ލެވަންޑޯވްސްކީ ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ 82 ވަނަ މިނެޓްގައި އެތުލެޓިކޯ އަށް ލިބުނު ޕެނަލްޓީ ޓޮރޭސް ޖެހިއިރު މި ޕެނަލްޓީ ވަނީ ބަޔާން ގެ މެނުއަލް ނޯޔާ ދިފާއުކޮށްފަ އެވެ.
އެތުލެޓިކޯއަށް ފައިނަލުގައި ކުޅެން ޖެހޭނީ މިރޭ މެންޗެސްޓަރ ސިޓީ އަދި ރެއަލް މެޑްރިޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޮޅަށެވެ. މި މެޗު ފެށޭނީ މާލޭ ގަޑިން 23:45 ގަ އެވެ.