ކަރަންޓްގެ އަގަށް ގެނައި ބަދަލާއެކު އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ކުޅުދުއްފުއްޓަށް، އެކަން ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ފެނަކާގެ އިސް އޮފިޝަލެއް
ޓެރިފް ރޭޓްތަކަށް ގެނައި ބަދަލުތަކާ އެކު ކަރަންޓް ބިލު ބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮންފައިވަނީ ކުޅުދުއްފުއްޓަށް ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށް ފެނަކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އޭޕްރީލްމަހު ކުޅުދުއްފުށީގެ ގިނަ ގޭބިސީތަކުގެ ކަރަންޓް ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ ގިނަ ރައްޔިތުންތަކެއް ދަނީ ނުރުހުންފާޅުކުރަމުންނެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް “ކުޅުދުއްފުށީ އޮންލައިނާ” ވާހަކަ ދެއްކި ފެނަކާއިގެ އިސް އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީގެ ގޭބިސީތަކުގެ ބިލްތައް ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި އެކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ޒަމާނުންސުރެ ރާއްޖެތެރޭ އެހެން ރަށްރަށަށް އަޅައި ބަލާއިރު ކުޅުދުއްފުއްޓަށް ކަރަންޓް ދެމުން އައި ތަންކޮޅެއް ކުޑަ ރޭޓެއްގައި ކަމަށާއި މިހެން ހުރެފައި މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދުތަކުގެ ކަރަންޓް އެއް ރޭޓަކަށް ސަރުކާރުން ބަދަލު ގެނައުމުން، ސްޓޭންޑަޑް ހައި ރަށެއްކަމުން ކަރަންޓުގެ އަގު ބޮޑުވީ ކަމަށެވެ. އަދި އެބަދަލާއެކު އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ ކުޅުދުއްފުއްޓަށް ކަމަށް އޭނާ ވިދާޅުވި އެވެ
“ޓެރިޕްތަކަށް ގެނައި ބަދަލާއެކު ވަކިން ހާއްސަކޮށް، މަތީ ރޭންޖްތަކަށް ގެނައި ބަދަލާއި ގުޅިގެން ސްޓޭންޑެޑް އެންމެ މަތީ ރަށަކަށް ކުޅުދުއްފުށީ ވާތީ، އޭގެ އަސަރު ބޮޑަށް ކޮށްފައި މިއީ” އޮފިޝަލް ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ބިލްތައް ވަނީ ބޮޑުތަނަކުން ބޮޑުވެފައިވާ ކަމަށާއި އެކަން ދަންނަވަން ޖެހޭ ހިސާބަށް ދަންނަވައިވާ ކަމަށް އޭނާ ވިދާޅުވީ އެވެ. އަދި އެކަން ބަލަން ޖެހޭ ފަރާތްތަކުން އެމައްސަލަ ބަލަމުންދާ އޭނާ ވިދާޅުވި އެވެ.
އޭޕްރީލްމަހު ކުޅުދުއްފުށީގެ ގޭބިސީތަކަށް އައި ކަރަންޓް ބިލު އާދަޔާ ހިލާފަށް ބޮޑުވުމުން އެކަމުގެ ޝަކުވާ ކައުންސިލަށް ވެސް ގިނަ ބަޔަކު ވަނީ ހުށަހަޅާފަ އެވެ. އަދި އެކަމުގައި ކައުންސިލުން ވަނީ ކުޅުދުއްފުށީގެ ފެނަކާގެ ވެރިންނާ ބަދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ.