ކުޅުދުއްފުށީ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް މި ދިޔަ މާރޗު މަހު ފިނޭންސް މިނިސްޓްރީން ކުރި އިއުލާން ބާތިލްކޮށް އަލުން އިއުލާން އެވެ.
އެގޮތުން ކުޅުދުއްފުށީ އެއާޕޯޓާއެކު ށ ފުނަދޫގައި އަޅައި އެއާޕޯޓްގެ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ވެސް ވަނީ ބާތިލްކޮށް އަލުން އިއުލާން ކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ ފުނަދޫ އެއާރޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 330,000 ރުފިޔާ އަދި ކުޅުދުށްފުށި އެއާޕޯޓަށް ބިޑު ސެކިއުރިޓީގެ ގޮތުގައި 287,000 ރުފިޔާ ބަހައްޓަން ވާނެ ކަމަށެވެ.
މާރޗު މަހު ކުރި އިއުލާން ބަތިލްކޮށްފައިވަނީ އެ އިއުލާނާއި ގުޅިގެން ހުށައެޅި ބީލަންތައް އަގުބޮޑު ކަމަށް ފެންނާތީ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އޭގެއިތުރުން ފިނޭންސުން ބުނީ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން HC01-1 , HC01-2 ގްރޭޑުތަކުގެ ތެރެއިން ގްރޭޑަކަށް ފެތޭ ކުންފުންޏަކަށް ކަމަށެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުޅުވާ ތާރިހުން ފެށިގެން 148 ދުވަސް ހަމަޖައްސާފައި ވާއިރު ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ކަމަށާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އަދި ބީލަމެއްގައި ބައިވެރިވުމަށް 1,500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި އޭގެ އިތުރުން ދެ ބީލަމުގައި ވާދަކުރަން ބޭނުންވާ ފަރާތަކުން، ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއްވާ ނަމަ އެ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާ އެކު ހުށަހަޅަންޖެހޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެ ޕްރޮޖެކްޓުތަކުގެ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.