ފަހަތުން އަރާ ލިވަޕޫލްގެ މައްޗަށް 3-1 އިން ކުރިހޯދާ ސެވިއްޔާއިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި އެވެ. މިއީ އެ ޓީމުން ޔޫރޮޕާ ލީގު ވިދިވިދިގެން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ.
ރޭ ބަސެލްގައި ކުޅުނު ފައިނަލް މެޗުގެ 34 ވަނަ މިނެޓްގައި ޑެނިއަލް ސްޓަރިޖް ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން ލަނޑެއް ޖަހައި ލިވަޕޫލް އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ދެވަނަ ހާފުގެ 17 ވަނަ ސިކުންތުގައި ސެވިއްޔާގެ ކެވިން ގަމެއިރޯ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ 64 ވަނަ މިނެޓްގަ އާއި 70 ވަނަ މިނެޓްގައި ސެވިއްޔާގެ ކޯކް ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފަ އެވެ.
މިއީ 1974-76 އަށް ބަޔާން މިއުނިކްއިން ވިދިވިދިގެން ޔޫރަޕިއަން ކަޕް ކާމިޔާބުކުރި ފަހުން އެއް ޓީމަކަށް ޔޫރަޕްގެ ތައްޓެއް ވިދިވިދިގެން ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ސެވިއްޔާއިން މި ތަށި ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ.