ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ކައުންސިލުތަކާއި ހަވާލުކުރުމުގެ ވިސްނުން އެކޮނޮމިކް މިނިސްޓްރީން ގެންގުޅޭ ކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސް އަލްއުސްތާޒު އަހުމަދު އިބުރާހިމް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ހުންނަ ބިޒްނަސް ސެންޓަރުން ކުރިއަށްގެންދިޔަ ސްޓޭކްހޯލްޑަރ ފޯރަމް ނިމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވާ ވާހަަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ އެންމެ ފަހުން ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މާލެއަށް ކުރި ދަތުރަކީ އަތޮޅަށް ދިމާވެފައިހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރި ދަތުރެއް ކަމަށެވެ. އަދި މިދަތުރުގެ ތެރެއިން ބައެއް ކަންތައްތައް އެނގިގެންދިޔަ ކަމަށެވެ.
އެގޮތުން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ހިދުމަތް ކައުންސިލުތަކާއި ހަވާލުކޮށްގެން ކުރިއަށްގެންދިއުމުގެ ވިސްނުން ކަމާ ގުޅުން ހުރި މުވައްސަސާތަކުން ގެންގުޅޭ ކަމަށާއި އެކަން މިނިސްޓްރީން ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އަދި އެކަމުގެ ސަބަބުން ރައްޔިތުނާ ގާތުން ހިދުމަތް ދެވި، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ފަރާތަށް ވިޔަފާރި ރަޖިސްޓްރީކުރުމަށް ހުންނަ ދަތިތަކަށް ހައްލުވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ހދ ގެ އެހެން ރަށްތަކަށް ވެސް މިފަދަ ސްކޭޓް ހޯލްޑަރ ފޯރަމްއެއް ހުޅުވައިލައިގެން ބޭއްވުމަށް އަހުމަދު އެދިލެއްވި އެވެ.