މެއި މަހު 9 ވަނަދުވަހު ރާއްޖޭގެ އިރުމަތީގައި އުފެދުނު ކޮޅިގަނޑު މިއަދު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ ހަމާކޮށްފި އެވެ.
މެޓުން ބުނީ މިކޮޅިގަނޑު މަޑުމަޑުން އުތުރަށް ދަތުރުކޮށް ސްރީލަންކާ ފަހަނައަޅާ މިހާރުވަނީ އިންޑިޔާގެ އިރުމަތީ އައްސޭރި ފަށާކައިރިން އުތުރު ބަންގާޅުކަނޑު ސަރަޙައްދުގަ ކަމަށެވެ.
“ރޯނު” ނަމުން ނަން ދީފައިވާ މިތޫފާން ރާއްޖޭގެ އުތުރުން ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.
ކުރިއަށްއޮތް 24 ގަޑިއިރަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނެ ކަމަށާއި ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގުބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ
އަދި ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި ވީމާ ހުރިހާ ފަރާތްތަކުން އަދި ޙާއްސަގޮތެއްގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެ އެވެ.
މި ކޮޅިގަނޑާ ގުޅިގެން އުފެދުނު ބޯވިއްސާރަވިލާތައް ވޭތުވެދިޔަ 10 ވަރަކަށްދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަރައި ގަދަވަޔާއެކު ގުގުރާ ވިއްސާރަކޮށްފައިވެއެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރެކޯޑުކުރެވުނީ ތ. ވޭމަނޑުއަށް 170 މިލިމީޓަރުގެ ވާރޭ އެވެ.
މީގެ އިތުރުން ލ. ކައްދުއަށް 107 މިލިމީޓަރު އަދި ހުޅުލެއަށް 91 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރެކޯޑުތަކުން ދައްކައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ވައި އެންމެ ގަދަވިކަމަށް ރެކޯޑުކުރެވުނީ ގަޑިއަކު 52 މޭލު ބާރުމިނުގައި އަައްޑުއަތޮޅު ގަމަށެވެ.