އެތުލެޓިކްސް އެސޯސިއޭޝަނުން ކުޅުދުއްފުށީގައި ދާއިމީކޮށް ޓްރެއިނިން ހަދަން ނިންމައިފި އެވެ.
ހދ. ކުޅުދުއްފުށީގެ އިތުރުން ގދ. ތިނަދޫ އާއި ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީ ހިތަދޫގައި ދާއިމީ ގޮތެއްގައި އެތުލެޓިކްސް ޓްރެއިނިން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ރާއްޖެގެ ބައެއް ރަށްތަކުގައި ދާއިމީ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކޯޗުން ބޭނުންވާ ކަމަށެވެ
މި ޓްރެއިނިން ތަަކަށް ކޯޗުން ހޯދުމަށް މިއަދު އިއުލާންކޮށްވާއިރު، ކޮންމެ ރަށެއްގައި އެއް ޔޫތު ހެޑް ކޯޗާއި އެއް ޔޫތު ކޯޗުގެ އިތުރުން ދެ ކުޑަކުދިންގެ ކޯޗުން ހޯދަން އިއުލާންކޮށްފައިވެ އެވެ.
އެގޮތުން އައިއޭއެފް ކޯޗިން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތަކަށްވުމުގެ އިތުރުން އެތުލެޓިކްސް ދާއިރާގައި ހަރަކާތްތެރިވާ ނުވަތަ ހަރަކާތްތެރިވަމުން އަންނަ ކޯޗުނަށް އިސްކަން ދެވޭނެކަމަށް އެއެސޯސިއޭޝަނުން ބުނެ އެވެ.
އެހެންކަމުން މި ޕްރޮގުރާމްގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތައް އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ސީވީ އެ އެސޯސިއެޝަނުގެ އީމެއިލަށް ފޮނުވައިދިނުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.