މަދިރި ކޮންޓްރޯލް ކުރުމަށް ހދ އަތޮޅުގައި ހާއްސަ ޓާސްކްފޯހެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ޓާސްކްފޯހުގައި އިސްކޮށްއުޅޭ ފަރާތް ކަމަށްވާ މުހައްމަދު އަބްދުއްރަހުމާން ވިދާޅުވީ ޓާސްކްފޯސް އެކުލާވާލުމަށްޓަކައި ބޭއްވި ބައްްދަލުވުމުގައި ރަށުގެ ހުރިހާ މުވައްސަސާތަކުން ވަނީ ބައިވެރިވެފަ ކަމަށާއި އެމުވައްސަސާތަކުން ޓާސްކްފޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުގެ ނަންތައް މިހާރު ފޮނުވަމުން ދާ ކަމަށެވެ.
އޭގެ އިތުރުން ޓާސްކްފޯހުގެ ފުރަތަމަ ބައްދަލުވުން މިއަދު ބޭއްވުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށާއި މި ފަހަރުގެ ޓާސްކްފޯހުން ބޮޑަށް އަމާޒުކުރާނީ މަދިރި އާލާވާނެ ފަދަ ކުނި ބުނި ނައްތާލާ އެފަދަ ތަންތަން ސާފުކުރުމަށް ކަމަށް މުހައްމަދު ވިދާޅުވި އެވެ.
މީގެ އިތުރުން މިދިޔަ ހަފްތާ ބަންދުގައި ހޮސްޕިޓަލް ހިމެނޭ ސަރަހައްދު މަދިރި އުފެދޭ ފަދަ ތަނެއް ހުރިތޯ ބަލައި ފާސްކޮށްފައި ވާނެ ކަމަށާއި އަދި ހޮސްޕިޓަލްގެ މުވައްޒަފުންގެ ގެތައް ވެސް ބަލައި ފާސްކުރެވިފައިވާނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
މަދިރި އާލާވާ ފަދަ ތަންތަން ހުރިތޯ ބެލުމަށް ގެތަށް ފާސްކުރުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖެއިން ޑެންގޫ އެލާޓް ނަގަންދެން ޓާސްކްފޯހުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
ހދ އަތޮޅުގައި ޑެންގޫގެ އެއްވެސް ކޭހެއް އަދި ނެތްނަމަވެސް ހއ އަދި ށ އަތޮޅުން ކޭސްތައް ލިބެމުން އަންނާތީ ކުޅުދުއްފުށީގައި ޑެންގޫ ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެން ކަމުން ޕަބްލިކް ހެލްތުގެ ފަރާތުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާ ކަަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.
މި ޓާސްކްފޯހުން ހަމައެކަނި ބަލާނީ ކުޅުދުއްފުށީގައި މަދިރި ކޮންޓްރޯލް ކުރުމަށް ނޫން ކަމަށާއި މިއީ މުޅި ހދ އަތޮޅަށް އެކުލަވާލެވޭ ޓާސްކްފޯހެއް ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.