ޒަމާނީ ފެންވަރަށް ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއު 2011 ވަނަ ފެށި ނަމަވެސް އަމީނީމަގު ފިޔަވާ އެހެން އެއްވެސް މަގެއް ހަދާފައެއް ނުވެ އެވެ. ކުރިން ގައު އަތުރައިގެން ހަދަން ހަމަޖެހިފައިވީ މަގުތައް ފަހުން ތާރުއަޅައިގެން ހަދައި ގޮތަށް ނިންމާ އަމީނީމަގު ހަދާފައިވަނީ ރައީސް ވަހީދުގެ ވެރިކަމުގައި އެވެ.
އެދުވަހުން ފަށާއިގެން މަގުތައް ހެދުމަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ތާރު ތާނގީތައް ވަނީ އެމްއާރުޑީސީގައި ބަހައްޓާފައެވެ. ތާރު ތާނގީތައް ބަހައްޓާފައިވަނީ އެއްވެސް ހިޔާވަހިކަމެއް ދަށަކުން ނޫން ކަމުން މަގު ހެދުން ލަސްވެ، މިހާރު ވަނީ ގިނަ ތާނގީންތައް ދަބަރަށްވެ، ތާގީންތައް ފޫ ގޮސްފަ އެވެ.
ތާނގީތައް ފޫ ގޮސް ތާރުތައް ބިންމައްޗަށް ފައިބާގެން، ވިރާނަވެ ހުސްވަމުން ދަނީ އެވެ. އެކަން ބަލާ ޒިންމާނަގަންޖެހޭ ފަރާތަކުން ޒިންމާނަގާތަނެއް ނުފެނެ އެވެ. ކުޅުދުއްފުށީ އެމްއާރުޑީސީގެ ސައިޓްގައިވެސް މެނޭޖަރުންނާ އެސިސްޓެންޓް މެނޭޖަރުން ފެށިގެން ސްޕަވައިޒަރުން ތިބޭ އިރުވެސް މިކަންކަން ބަލައި ހައްލެއް ހޯދުމުގެ މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެތަނަނަށް ގިނަ އަދަދެއްގެ ތާރު ގެނެސްފައިވާއިރު އެތާނގީތައް ވެސް މިހާރު ދަނީ ހަލާކުވުމުގެ ކޮޅުމަތި ފެންނަމުންނެވެ. މިކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް އެމްއާރުޑީސީގެ އެމްޑީގެ ގުޅައިލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެމްއާރުޑީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ބިން މައްޗަށް ފައިބާ ވީރާނަވެގެން ދަނީ ތާރެއް ނޫންނެވެ. ދައުލަތުގެ އެއްތަށް މިލިއަން ރުފިޔާ އެކެވެ.