ހދ ކުޅުދުއްފުށީގައި ސަރުކާރުން އަޅައި ދޭނެކަމަށް ވައުދުވި އެއާޕޯޓްގެ މަސައްކަތް ލަސްވެގެން ދިޔައީ ކުޅުދުއްފުށީ ކައުންސިލުތެރޭގައި އުފެދުނު ނުތަނަވަސް ކަމެއްގެ ތެރެއިން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ހއ ހޯރަފުށީގައި 2 މަޝްރޫއުއެއް ފައްޓަވައިދެއްވުމަށް ރައީސް އެރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީގެ އެއާޕޯޓް ލަސްވެގެން ދިޔައީ ސަރުކާރުގެ މައްސަލަތަކެއް އުޅޭތީކީ ނޫން ކަމަށެވެ. ކުޅުދުއްފުށީ އެއާޕޯޓް ލަސްވެގެން ދިޔައީ އެއާޕޯޓް އަޅާނެ ޖާގަޔާއި ދޭތެރޭ ރައްޔިތުންގެ ތެރޭގަ، ކައުންސިލު ތެރޭގައި އުފެދުނު ނުތަނަވަސް ކަމެއްގެ ތެރެއިން ކަމަށެވެ.
” ކުޅުދުއްފުށީގެ އެއާޕޯޓް ލަސްވެގެން ދިޔައީވެސް ސަރުކާރުގެ މައްސަލަތަކެއް އުޅޭތީކީ ނޫން.ކުޅުދުއްފުށީ އެއާޕޯޓް ފުރަތަމަ ލަސްވެގެންދިޔައީ ކުޅުދުއްފުއްޓަށް ސަރުކާރުން ފޮނުވި ޓީމުން މަސައްކަތްކުރަން ދިޔައިރު ކުޅުދުއްފުށިގައި އެއާޕޯޓް އަޅާނެ ޖާގައާ ދޭތެރޭގައި ރައްޔިތުން ތެރޭގައި އުފެދުނު ނުތަނަވަސް ކަމެއްގެ ތެރޭގައި ކައުންސިލުގައި އުފެދުނު ނުތަނަވަސް ކަމެއްގެ ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓްގެ ލަސްވެގެން އެދިޔައީ ” ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެހެންނަމަވެސް މިހާރު ދެވަނަ ވިސްނުމަކަށް ވަޑައިގެން ކައުންސިލުން އެއްބަސް ވަޑައިގަންފައި ވަނީކުޅުދުއްފުށީގައި އެއޮތް ކުޅި ހިއްކައިގެން ވިޔަސް އެއާޕޯޓް އެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ ވައުދަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ. އޭރު ރައީސް ވައުދުވެޑައިގަތީ އެމަނިކުފާނުގެ ފުރަތަމަ ދެ އަހަރުގެ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކުރައްވާނެ ކަމަށެވެ.