ރައީސް ޔާމީންގެ ފަރާތުން އެދެއްވި މެސެޖަކީ ހަގީގަތުގައި ކައުންސިލުން މިވީހާ ތަނަށް ސަރުކާރަށް ވެސް އަދި ރައީސް ޔާމީނަށްވެސް ދީފައިފައި އޮތް އެއްބާރުލުމުގައި ރައީސް ކޮޅުފައި ޖެއްސެވުން: އަލީ
ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ލަސްވެގެންދިޔައީ ސަރުކާރުގެ ތެރޭގައި މަސައްލަ އުޅޭތީ ނޫން ކަމަށާއި އެމަޝްރޫއު ލަސްވެގެން ދިޔައީ ކުޅުދުއްފުށީ ކައުންސިލުތެރޭގައި އުފެދުނު ނުތަނަވަސް ކަމެއްގެ ތެރެއިން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް މިއަދު ވިދާޅުވެފައިވާތީ އެކަން ކުށްވެރިކޮށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ރައީސަށް ރައްދުދެއްވައިފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ހއ ހޯރަފުށީގައި 2 މަޝްރޫއުއެއް ފައްޓަވައިދެއްވުމަށް އެރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީގެ އެއާޕޯޓް ލަސްވެގެން ދިޔައީ ސަރުކާރުގެ މައްސަލަތަކެއް އުޅޭތީކީ ނޫން ކަމަށެވެ. ކުޅުދުއްފުށީ އެއާޕޯޓް ލަސްވެގެން ދިޔައީ އެއާޕޯޓް އަޅާނެ ޖާގަޔާއި ދޭތެރޭ ރައްޔިތުންގެ ތެރޭގަ، ކައުންސިލު ތެރޭގައި އުފެދުނު ނުތަނަވަސް ކަމެއްގެ ތެރެއިން ކަމަށެވެ.
“ކުޅުދުއްފުށި އޮންލައިނަށް” ދެއްވި ހާއްސަ އިންޓަވިއުގެ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ރައީސް ޔާމީންގެ އެވާހަކަފުޅު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ރައީސް ޔާމިން އެހެއްދެވީ އިތުރުފުޅެއް ކަމަށެވެ.
“ދެން އެންމެ ނަށް ވެސް އެނގޭނެ ރައީސް ޔާމީން ކަރަންޓް ބިލްގެ އަގު ހެޔޮކުރާނަމޭ ބުނެފަ ދެން ވީގޮތް. ކުޅުދުއްފުށީ އެއާޕޯޓާއި ބެހޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ދޮގުކުރަން” އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ކަނޑައެޅިގެން ރައީސް ޔާމީނަކަށް ހިޔާލު ތަފާތުވީ ކޮންކަމެއްގައި ކަން ނުދެންނެވުނު ކަމަށާއި ސަރަހައްދުގެ ވާހަކަ ދެއްކެވިއިރު ކައުންސިލުން އެދިފައި އޮންނާނެ ކޮންމެ ސަރަހައްދެއްގައި ވެސް އެއާޕޯޓް އެޅޭނެ ކަމަށެވެ.
” ކަނޑައެޅިގެން އެމަނިކުފާނަކަށް(ރައީސް ޔާމީން) ނުދެންނެވުން ކޮންކަމެއްގައި ކަން ހިޔާލު ތަފާތުވެގެން ދިޔައީ ކީ އެއް. ސަރަހައްދުގެ ވާހަކަ ދެއްކިއިރުވެސް އަޅުގަނޑުމެން އެދިފައި އޮންނާނެ ކޮންމެ ސަރަހައްދެއްގައި ވެސް .ސަރުކާރުން އެދިވަޑައިގަންނަވާ ކޮންމެ ސަރަހައްދެއްގައިވެސް އެއާޕޯޓް އެޅޭނެ ކަމަށް” އަލީ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލަށް ރައީސް ޔާމީންގެ ފަރާތުން އެދެއްވި މެސެޖަކީ ހަގީގަތުގައި ކައުންސިލުން މިވީހާ ތަނަށް ސަރުކާރަށް ވެސް އަދި ރައީސް ޔާމީނަށްވެސް ދީފައިފައި އޮތް އެއްބާރުލުމުގައި ރައީސް ކޮޅުފައި ޖެއްސެވުން ކަމަށް ކައުންސިލުގެ ރައީސް ވަނީ ސިފަކުރައްވައިފަ އެވެ.
އަލީ ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެއް ކަމަށާއި ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓް އަޅަނީ އަމީނީމަގު ކަމަށް ނިންމިޔަސް އެކަމާ ކައުންސިލަށް ދެކޮޅު ނުހެދޭނެ ކަމަށެވެ. ސަރުކާރަކުން ނިންމާ ކަންތައްތަކަށް ކައުންސިލަކަށް ދެކޮޅު ނުހެދޭނެ ކަން ވެސް އަލީ ފާހަގަކުރެއްވި އެވެ.
އަލީ ވިދާޅުވީ މާދަމާ ކައުންސިލުގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ވާހަކަދައްކާނެ ކަމަށެވެ.