ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި އޮތް ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ ސަރވިސް ސަޕޯޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުއެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ މުހައްމަދު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ފުލުހުންގެ ހިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށްބޮޑު ކާމިޔާބެއްކަމަށް ވިދާޅުވިއެވެ.
އަދި ހޯރަފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކީ ޑިވިޜަން ލެވަލްގައި ޤާއިމްކުރެވޭ ސްޓޭޝަނެއްކަން ފާހަގަކުރައްވައި މި އިމާރާތަކީ ޒަމާނީ ފެންވަރަށް އިމާރާތްކުރެވި ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރެވިގެންދާނެ ސްޓޭޝަނެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޯރަފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގައި 2 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ އެކަމަޑޭޝަން އިމާރާތެއްގެ އިތުރުން ގޮޅިބަރިއަކާއި ވެހިކަލް ޕާކްކުރާނެ ސެޑެއް ހިމެނެއެވެ.
ހޯރަފުށި ޕޮލިސް ސްޓޭޝަންގައި ހިމެނޭ އެކަމަޑޭޝަން އިމާރާތުގައި އެކަމަޑޭޝަންގެ އިތުރުން ބަދިގެއަކާއި މެސްރޫމާއި ސްޓޯރޭޖް ރޫމަކާއި ލޯންޑްރީ ރޫމަކާއި ރެކްރިއޭޝަން ރޫމަކާއި ނަމާދުކުރާނެ ކޮޓަރިއެއް ހިމެނެއެވެ. އަދި އޮފީސް އިމާރާތުގައި އެޑްމިނިސްޓްރޭޝަނާއި އިންވިއު ރޫމްތަކާއި ރިސެޕްޝަނާއި މީޓިންގ ރޫމަކާއި ކުލާސް ރޫމަކާއި އިންޗާޖް އޮފީހަކާއި އޮޕަރޭޝަން ރޫމެއް ހިމެނެއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު ހޯރަފުށި ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މި މެއި މަހުގެ 31 ވަނަ ދުވަހުއެވެ.