ފޭދޫ ސްކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ތަރުބަވީ ކޭމްޕް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
މި މެއި މަހު 26 ން 28 އަށް ފޭދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ސްކޫލް ދަރިވަރުން ހޭލުންތެރިކޮށް ސްކޫލް ދަރިވަރުންނަކީ އަހުލާގު ރަނގަޅު ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމުގެ މަގުސަދުގައި ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ށ. ފޭދޫ ސްކޫލާއި ގުޅިގެން ހިންގި ކޭމްޕެކެވެ.
މެއި 28 ވަނަ ދުވަހު ފޭދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ކޭމްޕު ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު އާރިފް އެވެ. މި ރަސްމިއްޔާތުގައި ފޭދޫ ކައުންސިލާއި ފޭދޫގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ފޭދޫ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ކޭމްޕުގެ ބައިވެރިންނާއި މުދައްރިސުން ބައިވެރިވެފައިވެއެވެ.
މި ކޭމްޕުގައި ފޭދޫ ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ 37 ދަރިވަރަކު ގްރޭޑް 8 9 އަދި 10 އަކުން ބައިވެރިވެފައި ވެއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ކޭމްޕްގައި ދިނީ ދަރުސް ދިނުމާއި ދަރިވަރުންނަށް އަމާޒުކޮށްގެން ޓީމް ބިލްޑިންގ އާއި ލީޑަރޝިޕްގެ އިތުރުން ގާނޫނުތަކަށް އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދިނެވެ. އަދި މީގެ އިތުރުން އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ކުޑަކުދިން ކުރާ ކުށްތަކާއި އެކުށްތަކަށް ކަނޑަ އެޅިފައިވާ އަދަބުތަކާއި ބެހޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
ފޭދޫ ސްކޫލްގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކިޔަވައި ދިނުމުގެ ހުނަރު ތަކާއި ބެހޭގޮތުން މައޫލޫމާތު ދިނުމާއި ފޭދޫ ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ދަރިން ތަރުބިއްޔަތުކުރުމާއި ގުޅޭގޮތުން މައުލޫމަތު ދިނުންވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.