މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މުހައްމަދު އަލީ ވަނީ 3 ޖޫން ވީ ހުކުރު ދުވަހު އުމުރުން 74 އަހަރުގައި ނިޔާވެފަ އެވެ. މުހައްމަދު އަލީ އަކީ ދުނިޔެ ދުށް އެންމެ ކުޅަދާނަ އެއް ބޮކްސިން ތެޅުންތެރިޔާ އެވެ. އަދި މުހައްމަދު އަލީ އަކީ އެމެރިކާގެ އަދި ދުނިޔޭގެވެސް އެންމެ ވަރުގަދަ އެއް މުސްލިމް ޝަޚްސިއްޔަތެވެ. މުހައްމަދު އަލީ ވަނީ އޭނާގެ ހަޔާތުގައި ފާޅުކަން ބޮޑު ގޮތެއްގައި މުސްލިމުންނާ ދެކޮޅަށް ރޭވޭ ޕްރޮޕެގެންޑާތަކާ ދެކޮޅަށް އަޑު އުފުލާފަ އެވެ. މުހައްމަދު އަލީ ގެ އަސްލު ނަމަކީ ކެސްލަސް ކްލޭ އެވެ. ނަމަވެސް 1965 ވަނަ އަހަރު މުސްލިމަކަށް ބަދަލުވެ އޭނާގެ ނަން މުހައްމަދު އަލީ އަށް ބަދަލު ކުރީ އެވެ.
އުމުރުން 12 އަހަރުގައި މުހައްމަދު އަލީ ބޮކްސިން ގެ ތެރެއަށް ވަނީ އޭނާގެ ބައިސްކަލް ވަގަށް ނެގި ހިސާބުންނެވެ. ހައި ސުކޫލްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ހަ ފަހަރަށް ކެންޓަކީ ގޯލްޑް ގްލޯވްސް ޙާސިލްކޮށްފައިވާއިރު 1960 ވަނަ އަހަރު ރޯމްގައި ބޭއްވުނު އޮލިމްޕިކްސްގައި ރަން މެޑަލް ހާސިލްކޮށްފައިވެ އެވެ. ބޮކޮސިންގެ އާންމު ގޮތްތަކާއި ހިލާފު ބޮކްސިން ސްޓައިލްއެއް ގެންގުޅޭ މުހައްމަދު އަލީ 1960 އިން 1963 އަށް ބޮކްސިންގައި ވާދަކުރި 19 މެޗުވެސް ކާމިޔާބުކޮށްފައިވާއިރު އޭގެ ތެރެއިން 15 މެޗުގައި އިދިކޮޅަށް އެރި ކުޅުންތެރިޔާ ބަލިވީ ނޮކް އައުޓް ވެގެންނެވެ.
1964 ވަނަ އަހަރު ސޮނީ ލިސްޓަން ބަލިކޮށް ދުނިޔޭގެ ހެވީ ވެއިޓް ޗެމްޕިއަންކަން ހާސިލްކޮށްފައިވެ އެވެ. އަދި 1974 ވަނަ އަހަރާއި 1978 ވަނަ އަހަރު ދުނިޔޭގެ ހެވީވެއިޓް ޗެމްޕިއަންކަން ހޯދާ މުހައްމަދު އަލީ ވެފައިވަނީ މި މަޤާމް ތިން ފަހަރު ހާސިލް ކުރެވުނު ހަމައެކަނި ފަރާތަށް ވެފަ އެވެ.
1965 ވަނަ އަހަރުން ފެށިގެން 1967 ވަނަ އަހަރާ ހަމައަށް މުހައްމަދު އަލީއާ ވާދަކޮށްލެވޭ ފަދަ މީހެއް ބޮކްސިންގެ ތެރެއަށް އައިސްފައިނުވާއިރު 1967 ވަނަ އަހަރު ވިއެޓްނާމް ހަނގުރާމައަށް ދިއުމަށް ދެކޮޅު ހެދުމާ ގުޅިގެން މުހައްމަދު އަލީ ވަނީ ހައްޔަރު ކޮށްފަ އެވެ. މުހައްމަދު އަލީ ހަނގުރާމައަށް ދެކޮޅު ހެދީ މުސްލިމުންނަކީ ލޭ އޮހޮރުވުމާ ދެކޮޅު ބައެއްކަން ހާމަކުރަމުންނެވެ. އަދި އޭނާގެ ހުރިހާ ބޮކްސިން މެޑަލްތަކެއް އޭނާގެ އަތުން ވަނީ އަތުލާފަ އެވެ.
1971 ވަނަ އަހަރު ސްޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފްކޮށް އޭނާވަނީ މައްސަލަ ކާމިޔާބުކޮށްފަ އެވެ. އަދި މި މައްސަލައާ ހެދި ބޮކްސިންގައި ހޭދަކުރަން ޖެހުނު މުއްދަތާއެކު އަލުން ބޮކްސިންގެ ތެރެއަށް ނުކުމެވޭވަރުވީ 1974 ވަނަ އަހަރު އެވެ. އެ އަހަރު އަލުން ދުނިޔޭގެ ވޯލްޑް ހެވީ ވެއިޓް ޗެމްޕިއަންކަން ހޯދާފައިވާއިރު މުހައްމަދު އަލީ ދުނިޔޭގެ ގިނަ ބަޔަކު ފާހަގަކުރަނީ ހަނގުރާމައާ ދެކޮޅަށް މަސައްކަތް ކުރާ ޝަހްސިއްޔަތެއްގެ ގޮތުގަ އެވެ.
ބޮކްސިންގައި މުހައްމަދު އަލީ ތެޅި 61 މެޗުގެ ތެރެއިން 56 މެޗު ކާމިޔާބުކޮށްފައިވާއިރު ބަލިވެފައިވަނީ އެންމެ 5 މެޗުންނެވެ. މޮޅުވި 56 މެޗުގެ ތެރެއިން 37 މެޗުގައި އިދިކޮޅު ކުޅުންތެރިޔާ ނޮކް އައުޓް ކޮށްލާފައިވެ އެވެ. ނޮކްއައުޓްގެ މާނައަކީ ރެފްރީ 10 އަކާ ހަމައަށް ގުނާއިރު އިދިކޮޅު ކުޅުންތެރިޔާއަށް ނުތެދުވެވުމެވެ.
1981 ވަނަ އަހަރު މުހައްމަދު އަލީ ވަނީ ބޮކްސިން އިން ރިޓަޔާ ކޮށްފަ އެވެ. އަދި 1984 ވަނަ އަހަރު އޭނާއަށް ވަނީ ނާރުގެ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ ޕާކިންސް ޑިސީސް ޖެހިފަ އެވެ. މި ބައްޔާއެކު ވާހަކަ ދައްކާ އުޅުމަށް އުނދަގޫތައް ކުރިމަތިވި ނަމަވެސް މުސްލިމުންގެ ދަވްވާ ޕްރޮގުރާމްތަކުގައި ގެންގުޅޭ ލީފްލެޓްތަކުގައި ސޮއެކޮށް ދީނަށް ގޮވާލުމުގެ މަސައްކަތްތަކަށް ސަޕޯޓް ކޮށްފައިވެ އެވެ. ދުނިޔެ ދޫކުރީ ގުނަވަންތަކަށް ޖެހޭ އިންފެކްސަން ގެ ބައްޔެއް ކަމުގައިވާ ސެޕްޓިކް ސޮކަކާ އެކު އެވެ.
މުހައްމަދު އަލީގެ ހަޔާތުގައި 4 ކައިވެންޏެއް ކޮށްފައިވާއިރު 8 ދަރިން އޭނާއަށް ވަނީ ލިބިފަ އެވެ. މުހައްމަދު އަލީ އަކީ ދުނިޔެ ދުށް އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތެވެ.