ށ.ނޫމަރާ ކައިރިން ދިޔަވަމުން ދިޔަ “ފްރެޝް 3” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފް ބުނީ ހާދިސާގެ ރިޕޯރޓް ރޭ ދަންވަރު ގާތްގަނޑަކަށް 02:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަށް ލިބުމާއެކު ކޯސްޓްގާޑުގެ ޓީމެއްވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
އަދި މިގޮތުން ކުރި މަސައްކަތުން ދޯނީގައި ބޮޑުވެފައިވާ ދިޔަގަނޑު ޕަމްޕު ޖަހައިގެން ކޮންޓްރޯލްކޮށް ހދ.ކުޅުދުއްފުއްޓަށް ދޯނި ވައްދާފައިވާ ކަމަށެވެ. މި ދޯނި ކުޅުދުއްފުއްޓަށް ވައްދާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 06:30 ހާއިރުއެވެ.
މިހާދިސާ ހިނގި އިރު ދޯނީގައި 6 މީހުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އެއް ދިވެއްސަކާއި ފަސް ބިދޭސީން ކަމަށް އެމްއެންޑީއެފް ބުނެވެ.
މިދޯނި ހދ.ކުޅުދުއްފުށި ފަޅުތެރެއަށް ވެއްދުމަށްފަހު އިތުރަށް ދިޔަ ވާތީ، ދިޔަގަނޑު ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން އަދިވެސް ދަނީ ކުރަމުންނެވެ