twitterviber whatsapp telegramfacebookyoutube instagram
22nd October 2019

ޔޫރޯ ފުޓްބޯޅަ މުބާރާތާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް؟

Jun 8, 2016

މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ދުނިޔޭގައި ބޭއްވޭ ދެވަނައަށް އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއީ ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ ފުޓްބޯޅަ މުބާރާތެކެވެ.

މިއީ 15  ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ވާއިރު މިފަހަރުގެ މުބާރާތް ބޭއްވެނީ ފްރާންސްގަ އެވެ. 1960 ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ފްރާންސްގައި ބޭއްވިފައިވާއިރު، 1984 ގައި ބޭއްވުނު ޔޫރޯވެސް ބޭއްވުނީ ފްރާންސްގަ އެވެ. 1984 ގެ މުބާރާތް ފުރާންސުން ކާމިޔާބުކޮށް އެ ޓީމު ވެފައިވަނީ އަމިއްލަ ޤައުމުގައި މި މުބާރާތް ކާމިޔާބުކުރި ދެ ޤައުމުގެ ތެރެއިން އެއް ޤައުމުގެ ގޮތުގަ އެވެ. އޭގެ ކުރިން މި ޝަރަފް ހޯދީ 1968 ވަނަ އަހަރު އިޓަލީއިންނެވެ. މި އަހަރުގެ މުބާރާތް ބާއްވާ ޤައުމުގެ ގޮތުގައި ފްރާންސް ހޮވުނީ ތުރުކީ އަދި އިޓަލީއާ ވާދަކޮށްގެންނެވެ.

މި އަހަރުގެ މުބާރާތް ތަފާތުވާ އެއް ސަބަބަކީ މި އަހަރުގެ މުބާރާތުގައި 24 ޓީމް ވާދަކުރުމެވެ. އެންމެ ފުރަތަމަ ބޭއްވުނު 5 ޔޫރޯގައި 4 ޓީމު ވާދަކުރިއިރު، ދެން ޖެހިގެން އައި ހަތަރު ޔޫރޯގައި ވާދަކޮށްފައިވަނީ 8 ޓީމެވެ. އަދި 1996 އިން 2012 އަށް ބޭއްވުނު ޔޫރޯ ތަކުގައި ވާދަކޮށްފައިވަނީ 16 ޓީމެވެ. މިއަހަރުގެ މުބާރާތުގައި 24 ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިފައިވުމާއެކު މި އަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި 16 ޓީމު ވާދަކުރާނެ އެވެ. އެގޮތުން 6 ގުރޫޕްގެ އެއްވަނަ އަދި ދެވަނަ ދަތުރުކުރާއިރު، ދެވަނަ ބުރަށް ދެން ދަތުރު ކުރާނީ ގުރޫޕް ތަކުން 3 ވަނަ ހޯދާ ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު 4 ޓީމެވެ. އެއަށްފަހު ކުއާޓަރ، ސެމީ އަދި ފައިނަލް ކުޅޭނީ އެވެ.

އެންމެ ފަހުން ކުޅެވުނު ދެ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ ސްޕެއިން އިންނެވެ. އެންމެ ފަހުން ކުޅެވުނު ޔޫރޯ ސްޕެއިން ކާމިޔާބުކުރީ ފައިނަލްގައި 4-0 އިން އިޓަލީ ބަލިކޮށްގެންނެވެ. އަދި 2008 ވަނަ އަހަރުގެ ޔޫރޯ ސްޕެއިން ކާމިޔާބުކުރީ ފައިނަލްގައި ޖާމަނީ 1-0 އިން ބަލިކޮށްގެންނެވެ. ސްޕެއިން ވަނީ 1964 ވަނަ އަހަރުގެ މުބާރާތްވެސް ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން ސްޕެއިން އަކީ ޖާމަނީ އާއެކު އެންމެ ގިނަ ފަހަރު ޔޫރޯ ކާމިޔާބުކުރި ޓީމެވެ. ޖާމަނީ މި މުބާރާތް ކާމިޔާބުކުރީ 1972، 1980 އަދި 1996 ގަ އެވެ. މި މުބާރާތް ބާއްވާ ޤައުމު ކަމުގައިވާ ފްރާންސަށް މި މުބާރާތް ކާމިޔާބުކުރެވުނީ 1984 ގަ އާއި 2000 ވަނަ އަހަރު އެވެ.

ޔޫރޯ ކޮލިފައިންގައި ޖުމްލަ 53 ޓީމެއް ވާދަކޮށްފައިވާއިރު، މި ޓީމުތައް ވަނީ ޖުމްލަ 8 ގުރޫޕެއްގައި ވާދަކޮށްފަ އެވެ. ފުރާންސް މި މުބާރާތަށް ކޮލިފައިވީ މުބާރާތް ބާއްވާ ޤައުމުގެ ގޮތުގައި ކޮލިފައިންގައި ވާދަ ނުކޮށެވެ. އިންގްލެންޑުން ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުވެސް ކާމިޔާބުކޮށްފަ އެވެ. މީގެ ކުރިން މި ރިކޯޑް ހާސިލްކޮށްފައިވަނީ ސްޕެއިން، ހޮލެންޑް އަދި ޖާމަނީ އިންނެވެ. ސްޕެއިން އިން ވަނީ މި ރިކޯޑް ދެފަހަރަށް ހާސިލްކޮށްފަ އެވެ. މި ރިކޯޑް ހާސިލް ކުރި ޓީމު ތަކުން މީގެ ކުރިން ވަނީ މުބާރާތުގެ ސެމީގައި ވާދަކޮށްފަ އެވެ.

މި އަހަރުގެ ޔޫރޯ މުބާރާތް ޖުމްލަ 10 ސްޓޭޑިއަމްއެއްގައި ކުޅުމަށް ހަމަޖެހިފައިވާއިރު 3 މިލިއަނަށްވުރެ ގިނަ ޓިކެޓް ވިއްކާނެ އެވެ. އެގޮތުން އެންމެ އަގުހެޔޮ ޓިކެޓެއް 25 ޔޫރޯ އަށް ލިބޭއިރު އެންމެ އަގުބޮޑު ޓިކެޓެއްގެ އަގު އުޅެނީ 895 ޔޫރޯ އަށެވެ.

10 ޖޫން އިން 10 ޖުލައި އަށް ކުރިއަށްދާ މި އަހަރުގެ މުބާރާތަކީވެސް ފޯރިގަދަ މުބާރާތަކަށް ވާނެ ކަމަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355