ޔޫރޯ އޯގަނައިޒް ކުރުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން މިފަހަރު ވަނީ ސެކިއުރިޓީ ވަރުގަދަކޮށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި މެޗު ބަލަން ދަނޑަށް ވަންނަ މީހުން މެޗު ފެށުމުގެ ތިން ގަޑިއިރު ކުރިން ދަނޑަށް ވަނުމަށް އަނގާފަ އެވެ. ޔޫރޯ އޯގަނައިޒަރުން މިގޮތަށް އެންގީ ދަނޑަށް ވަންނަ މީހުން ބަލާ ފާސްކުރުމުގެ ގޮތުންނެވެ.
މިފަހަރު ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި މެޗުތައް ކުޅޭ ހުރިހާ ސްޓޭޑިއަމެއްގެ ވަށައިގެން ސްޓީލް ސެކިއުރިޓީ ރިންގެއް ހަރުކުރުން ހިމެނެ އެވެ. އެވެ. މީގެ އިތުރުން ޓެރަރިސްޓް ހަރަކާތްތަކާ ގުޅޭ ގޮތުން އެލާޓް ދެވޭ އެޕްލިކޭޝަނެއް ވެސް ވަނީ މިހާރު ނެރެފަ އެވެ. އެ އެޕްލިކޭޝަނަށް ދީފައިވާ ނަމަކީ އެސްއޭއައިޕީ އެވެ. މި އެޕްލިކޭޝަން ހިލޭ ލިބޭއިރު ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތާ ބެހޭގޮތުން އިރުޝާދު ލިބިގެންދާނެ އެވެ.
ފްރާންސުން މި މުބާރާތާ ގުޅިގެން މިހާ ސެކިއުރިޓީ ވަރުގަދަ ކޮށްފައި މިވަނީ ނޮވެންބަރު މަހު އެ ޤައުމުގައި ޗެމްޕިއަންސް ލީގުގެ މެޗެއް ކުޅެވެމުން ދަނިކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާތީ އެވެ.
އަންނަ ހުކުރު ދުވަހު މި މުބާރާތް ފްރާންސްގައި 80,000 ސަޕޯޓަރުންގެ ކުރިމަތީގައި ގިނަ ހަރަކާތްތަކަކާއެކު ފެށުމަށް ހަމަޖެހިފައިވާއިރު މި ބިރުވެރިކަން މީހުންގެ ހިތްތަކުން ފުހެލުމަށް ގިނަ މަސައްކަތް ތަކެއް ކުރެވުމުންދާ ކަމަށް އޯގަނައިޒިން ކޮމިޓީގެ ހެޑް ޖެކީސް ލެމްބަޓް މައުލޫމާތު ދެއެވެ.