ރޭ ފުރާންސްގައި ފެށި ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި ޑިމިޓްރީ ޕައޭޓް ފަހު ވަގުތު ޖަހައިދިން ލަނޑުން ފުރާންސުން ފުރަތަމަ މެޗުގައި ރުމޭނިޔާގެ މައްޗަށް ކުރިހޯދައިފި އެވެ.
މި މެޗު ފުރާންސުން 2-1 އިން ކާމިޔާބުކުރިއިރު ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ވަނީ ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލާފަ އެވެ. މި މެޗުގެ ފުރަތަމަ ހާފު 0-0 އިން ނިމުނުއިރު މި މެޗުގެ 57 ވަނަ މިނެޓްގައި ލަނޑު ޖަހައި ފުރަތަމަ ލީޑު ނެގީ ފުރާންސުންނެވެ. މިއީ ޕައޭޓް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އަކުން އޮލިވިއާ ޖިރޫ ބޮލުން ޖަހައި ކާމިޔާބު ކުރި ލަނޑެކެވެ.
ރޭގެ މެޗުގައި ޕައޭޓް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
އޭގެ އަށް މިނެޓް ފަހުން ފުރާންސްގެ ޕްޓްރީސް އޭވްރާ ރުމޭނިޔާގެ ނިކޮލާއީ ސްޓޭންޗިއޯ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ބޮގާން ސްޓޭންކޫ ވަނީ ލަނޑެއް ޖަހައި ނަތީޖާ 1-1 އަށް ބަދަލުކޮށްލާފަ އެވެ.
މެޗު 1-1 އިން ނިމެން ދަނިކޮށް ފުރާންސުން ދެވަނަ ފަހަރަށް ލީޑު ނެގީ ޕެނަލްޓީ އޭރިޔާ ބޭރުން ޕައޭޓް ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ވައްދާލައިގެންނެވެ.
މިރޭވެސް މި މުބާރާތުގެ ތިން މެޗު ކުޅެވޭއިރު، މާލޭ ގަޑިން އިރުއޮއްސި 6 ޖަހާއިރު ކުޅެވޭ މެޗުގައި ބައްދަލުކުރާނީ މި ގުރޫޕްގެ އަނެއް ދެ ޓީމު ކަމުގައިވާ އަލްބޭނިޔާ އަދި ސްވިޒަލޭންޑް އެވެ. 2100 ގައި ކުޅެވޭ މެޗުގައި ވޭލްސް އަދި ސްލޮވާކިޔާ ބައްދަލުކުރާއިރު 00:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑް އަދި ރަސިޔާ އެވެ.