ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނާސާއިން ކުރި އެކި ދިރާސާތަކުގައި ކާއިނާތުގައި ދުނިޔެފަދަ އެތައްހާސް ޕްލެނެޓްތަކެއް ވާކަމަށް ހާމަވެފައިވެެއެވެ. އަދި އެ ޕްލެނެޓްތަކުގައި ދުނިޔެއާއި އެއްފަދައިން ދިރުން އުޅިދާނެކަމުގެ ހެކިތައް ހޯދުމަށް ސައިންސްވެރިން ދަނީ ތަރިތަކާއި ޕްލެނެޓްތަކުގައި އަތްފުނާއަޅަމުންނެވެ.
ދުނިޔެ ފިޔަވާ އެހެން ތަނެއްގައި ދިރުމެއް ވޭތޯ ބެލުމުގެ މަސައްކަތުގައި ސައިންސްވެރިން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރި އަރަމުން ދާއިރު އެއްބަޔަކު ދެކޭ ގޮތުގައި އެފަދަ ދިރުމެއް ވާކަމީ ހަގީގަތެއް ކަމަށާއި އެކަންތައްތައް ނާސާއިން ދަނީ ސިއްރުކުރަމުންކަމަށެވެ.
އެގޮތުން އެމެރިކާގެ “އޭރިއާ 51” އަކީ އާންމުންނަށް ވަނުންް މަނާ އަދި އެތަނަކާ ބެހޭގޮތުން އެގައުމުގެ ސަރުކާރުން ދީފައިވާ މަދު މައުލޫމާތުން ގިނަ ބައެއްގެ މެދުގައި އެކި ކަހަލަ ވާހަކަތަކެއް އުފެދި ސިއްރިޔާތުން ފުރިފައިވާ ބޮޑު ސަރަހައްދެކެވެ. ނެވާޑާގައިވާ މި މިލިޓެރީ ބޭހުގެ ތަފާތު ވާކަތައް ހުރި އިރު ގިނަ ބަޔަކު ބުނަމުންދަނީ އެއީ އޭލިއަނުން ފޮރުވައިގެން ގެންގުޅޭ ތަނެއް ކަމަށެވެ.
2013 ވަނަ އަހަރު ސީއައިއޭ އިން ސިއްރިއްޔާތުގައި އެފަދަ ސަރަހައްދެއް ވާކަން ހާމަކޮށް އެ ސަރަހައްދާ ބެހޭ ބައެއް މައުލޫމާތު އާންމުންނާއި ހިއްސާކޮށްފައިވެއެވެ. އެގޮތުން ސީއައިއޭ އިން ހޯދި ހޯދުންތަކަށްފަހު ނެރުނު ބަޔާނުގައި އެ ސަރަހައްދަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ހަތިޔާރު ގުދެނެއް ގޮތުގައި ބޭނުން ކޮށްފައިވާ ތަނެއް ކަމުގައި ބުނެފައިވެއެވެ. އަދި އެމެރިކާގެ 34 ވަނަ ރައީސް ކަމުގައިވާ ޑުވައިޓް ޑީ އެއިސެންހަވަރ ގެ ވެރިކަމުގައި އެ ސަރަހައްދުގައި މަތިންދާބޯޓާއި ހަތިޔާރު ޓެސްޓު ކުރާތަނެއް ގޮތުގައި ހަމަޖެއްސިއެވެ.
އޭރިއާ 51 ބެހޭގޮތުން އެކި ވާހަކަތައް ހުރި އިރު އެެންމެ ބޮޑަށް ފާހަގަކޮށްލެެވޭ އެއްވާހަކައީ 1947 ވަނަ އަހަރު ގޮތްނޭނގޭ އުދުހޭ އުޅަނދެއް ނުވަތަ ޔޫއެފްއޯއެއް ނިއު މެކްސިކޯގެ ރޮސްވެލް ސިޓީގެ ސަރަހައްދަކަށް ގޮވި ހާދިސާއެއްގައި މަރުވެފައި އޮއްވާ ފެނުނު ކަމަށްބުނާ ބައެއް އޭލިއަނުންނާއި އެއުޅަނދު އޭރިއާ 51 ގައި ފޮރުވައިގެން ބާއްވާފައިވާ ކަމަށްބުނެ ދެކެވޭ ވާހަކަތަކެވެ. އަދި އެތަކެއްޗަށް އެކި ކަހަލަ ޓެސްޓްތައް ކޮށް އޭލިއެނުންނާ މުއާމަލާތް ކުރަން ސައިންސްވެރިން މަސައްކަތް ކުރާކަމަށް ބުނެ ވާހަކަތަށް ފެތުރުނެވެ. ކޮންސްޕިރެސީ ތިއޮރިސްޓުންގެ ވާހަކަތައް މިހެން ހުރި ނަމަވެސް ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި އެދުވަހު ގޮވާފައި ވަނީ ޔުނައިޓެެޑް އެއަރ ފޯސް ސާރވެއިލެންސް ބެލޫންއެއް ކަމަށެވެ.
ކޮންމެއެކަސް އޭރިއާ 51 ބެހޭ ގޮތުން ދެކެވޭ ވާހަކަތަކީ ޔޫއެފްއޯ އަދި އޭލިއެނުން އުޅޭ ކަމަށް ގަބޫލު ކުރާ ފަރާތްތަކުން ހަދަހަދައިގެން ފަތުރާފައިވާ ހިޔާލީ ވާހަކަތަކެއް ކަމަށް ތުުހުމަތު ކުރާ މީހުންވެސް މަދެއް ނޫނެވެ. އެގޮތުން އޭރިއާ 51 ސަރަހައްދު ކައިރީ ޔޫއެފްއޯ ފެނިގެން ރިޕޯޓް ކުރުމާއި އޭލިއަނުން އުޅިފައިވާ ކަމުގެ ނިޝާންތަައް ފެންނަކަމީ އެއްވެސް ހަގީގަތެއް ނެތް ފުލޯކު ވާހަކަތަކެއް ކަމަށްް ގިނަ ބަޔަކު ބުނެއެވެ.
ކަންތައްތައް މިހެން ހުރި އިރު އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި އެ ސަރަހައްދަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ސިއްރު ހަތިޔާރު އުފައްދާ، ޓެސްޓުކުރާ ތަނެއް ކަމަށެވެ. ނާސާގެ އެޑްމިނިސްޓްރޭޓަރ މޭޖަރ ޗާލްސް ބޮލްޑެން ބުނިގޮތުގައި އޭރިއާ 51 އޮތް ކަމަށްވިޔަސް އެމެރިކާއިން އެ ސަރަހައްދުގައި އޭލިއަނުން ފޮރުވައިގެން ނުގެންގުޅޭ ކަމަށެވެ.
މޭޖަރ ބޮލްޑެން ބުނީ އޭރިއާ 51 ސަރަހައްދަށް އޭނާ މީގެ ކުރިން ޒިޔާރާތް ކުރި ކަމަށާއި އެތަނަކީ ހަމައެކަނި ރިސާޗް އެންޑް ޑެވެލޮޕްމެންޓް މަސައްކަތްތަކަށް ހާއްސަ ތަނެއް ކަމަށެވެ. އަދި އެސަރަހައްދުން އޭލިއަނުން ނުވަތަ އޭލިއަނުންނާ ގުޅުންހުރި އެއްވެސް ކަހަލަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް މޭޖަރ ބޮލްޑެން ބުންޏެވެ.
ފަހުގެ ޓެކްނޮލޮޖީގެ އެހީގައި މިލިއަނުން ޕްލެންޓްތައް ހުރިކަން ހާމަވާއިރު ދުނިޔެއާއި އެއްފަދަ ޕްލެނެޓް ހުރުންވެސް އެކަށީގެންވާކަމަށް މޭޖަރ ބޮލްޑެން ބުނެފައިވެއެވެ. އަދި ގިނަ ބަޔަކު ގަބޫލު ކުރާ ފަދައިން ދުނިޔެ ފިޔަވާ އެހެންތަނެއްގައި ދިރުމެއް ވެދާނެ ކަން ބައެއް ހެކިތަކުގެ އަލީގައި ގަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭރިއާ 51 ސިއްރިއްޔާތުގައި އާންމުންނަށް ނުވަދެވޭ ސަރަހައްދެއްގެ ގޮތުގައި އޮތުމުގެ ސަބަބުން މިއަދާ ހަމައަށްވެސް އެކި މީހުންގެ ތެރޭގައި ތަފާތު ހިޔާލުފާޅުވުންތައް އެބަހުއްޓެވެ. އަދި އޭލިއަނުންނަކީ އުޅޭ ބައެއްކަން މިއަދާހަމައެވެސް ހޯދިފައި ނުވާއިރު އޭލިއަނުންގެ ވާހަކަ އޮތީ ހަމައެކަނި ސައިންސް ފިކްޝަންގެ ހަގީގަތެއްގެ ގޮތުގަ އެވެ.