ހދ އަތޮޅުގެ 7 ރަށަކާއި ހއ އަތޮޅު 3 ރަށެއްގެ ސްޕޯޓް އެރީނާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ ފުޓްސަލް ގްރައުންޑްގެ އިތުރުން ވޮލީ އަދި ބަށި ކޯޓު އެޅުމަށް ބޭނުންވާ ފަރާތްތަށް ހޯދުމަށް އިއުލާންކޮށްފަ އެވެ.
މި އިއުލާނުގައި ވާ ގޮތުން ހދ ކުމުންދޫ، ނެއްލައިދޫ، ނޭކުރެންދޫ، ހއ ފިއްލަދޫ، މާރަންދޫ އަދި ތަކަންދޫގައި އެޅުމަށް ހަމަޖެހިފައިވަނީ ފުޓްސަލް ގްރައުންޑް، ވޮލީ ކޯޓް އަދި ބަށި ކޯޓެވެ. އަދި ހދ ވައިކަރަދޫގައި އެޅުމަށް ހަމަޖެހިފައިވަނީ ފުޓްސަލް ގްރައުންޑަކާއި އެކު ވޮލީ ކޯޓެކެވެ. ހަމައެކަނި ފުޓްސަލް ގްރައުންޑް އެޅުމަށް ހަމަޖެހިފައިވަނީ ހދ ނޮޅިވަރަމްފަރު، މަކުނުދޫ، އަދި ކުޅުދުއްފުށީގަ އެވެ.
އޭގެ އިތުރުން މި އިއުލަނުގައި ބުނެފައިވަނި ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ގްރޭޑް ތަކުގެ ތެރެއިން GC01-01, GC01-02, GC01-03 ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠުހަމަވާ ފަރާތްތަކަށެވެ.
އަދި ބީލަން ހުށައަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތެއްގެ އަގު ހުށައަޅަން ޖެހޭނެކަމަށާއި މި ބީލަމުގައި ބައިވެރިވުމަށް 1500/- ރުފިޔާހެ ނޮން-ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއްދައްކަވަން ޖެހޭވެ ކަމަށެވެ.
ބިޑް ސެކިއުރިޓީގެ ގޮތު ކޮންޓަރެކްޓްގެ ފަސް ޕަސަންޓް ދައްކަން ޖެހޭއިރު ޕޭމެންޓު ގެރެންޓީގެ ގޮތުގައި އަގުގެ 15 ޕަސަންޓް އެޑްވާންސްކޮށް ދައްކަން ޖެހެ އެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މިމަހު 28 ވަނަ ދުވަހާ ހަމައަށް ހެނދުނު 10:30 އިން މެންދުރުފަހު 1:30 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.