އަޕަރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމީ ށ.އަތޮޅު ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ށ.އަތޮޅުގައި ހުށައެޅެމުންދާ ކުށްތައް ދިރާސާކޮށް އެ ކަންތައްތައް އައިޑެންޓިފައިކޮށް، ސީދާ އެކަމަށް އަމާޒުކޮށްގެން ހިންގިދާނެ ޕްރޮގުރާމްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
އޭގެ އިތުރުން ފުލުހުން ހިންގަމުންދާ ތަރުބަވީ ކޭމްޕަކީވެސް ރަނގަޅު ކޭމްޕެއްކަމަށާއި އަދި އެ ކޭމްޕް އާއި ގުޅިގެން ދަރިވަރުންގެ އުޅުމާ އަޚްލާގު އަދި ކިޔެވުމަށްވެސް އިތުރު ހިއްވަރެއްލިބިގެންދާކަމަށް ކައުންސިލްގެ ބައެއް މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ތަރުބަވީ ކޭމްޕުގެ ސަބަބުން ބެލެނިވެރިންވެސް ހޭލުންތެރިވެެ ރަނގަޅު މުޖުތަމައެެއް ބިނާކުރުމުށް ވަރަށް ބޮޑު ބާރެއްލިބިގެންދާކަންވެސް ކައުންސިލުން ފާހަގަ ކުރައްވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.
ށ.އަތޮޅު ކައުންސިލް އިދާރާގައި ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ށ.އަތޮޅަކީ ކުޑަކުދިންނާމެދު ޖިންސީ ގޯނާކުރުމުގެ އިތުރުން އެކުދިން ލައްވައި ކުށް ކުރުމުގެ ކަންކަން ހިނގާ އަތޮޅަކަށް ވާތީ އެކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކޮށްދެއްވައި އެކަންކަން ހުއްޓުވޭނެފަދަ ޕްރޮގްރާމްތައް ހިންގަވައިދެއްވުމަށްވެސް އަތޮޅު ކައުންސިލުން ކޮމާންޑަރުގެ ކިބައިން ވަނީ އެދިފަ އެެވެ.
އަދި ށ.އަތޮޅުގައި ފުލުހުން ކުރައްވަމުންދާ ގެންދާ މަސައްކަތަކީ ނަމޫނާ މަސައްކަތެއްކަމަށް ވިދާޅުވެ ފުލުހުންގެ މަސައްކަތަށް ހިއްވަރުދެއްވައި ކައުންސިލުން ދެއްވެންހުރި ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލްގެ ފަރާތުން ވަނީ ދީފަ އެވެ.
މި ބައްދަލުވުމުގައި އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމީ ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް މިހާރަށްވުރެ އެކަންތައްތައް ރަނގަޅުކޮށް ފުލުހުންގެ ހިދުމަތް އަދި ޕްރޮގުރާމްތައް ފުޅާކޮށް ކުށްތައް މަދުކުރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ށ.އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުސްތަފާ އާއި ފުނަދޫ ޕޮލިސް އިންޗާޖް އާއި ށ.އަތޮޅު ކައުންސިލް މެމްބަރުން ބައިވެރިވެފައިވެއެވެ.