ކުޅުދުއްފުށީގައި މި އަހަރުގެ ފިތުރު އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގައި ކުރެވޭ ތޯ މަސައްކަތް ފަށައިފި އެވެ.
މިކަން ކުރުމުގައި އިސްކޮށް އުޅޭ ޒުވާނެއް ކަމަށްވާ ހުސައިން އަލީ ކޭއޯ އަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ ރަސޫލާގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގައި މިއަހަރުވެސް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ބުނީ މަސައްކަތް ކުރަނީ އެހެން ބައެއް އަހަރުތަކުގައި ވެސް އީދު ނަމާދު ކުރި ސްޓޭޑިއަމް ލިބޭތޯ ކަމަށެވެ.
އަދި މިކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ ފަރާތްތައް ބޭނުންވާ ކަމަށާއި އެގޮތުން މިކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން 9755705 ގުޅައިގެން ހަމަޖެއްސުމަށް އޭނާ އެދިލައްވަ އެވެ.
މީގެ ކުރީގެ ބައެއް އަހަރުތަކުގައި ވެސް ކުޅުދުއްފުށީގައި އީދު ނަމާދު ހުސްބިމެއްގައި ކުރުމަށް ކައުންސިލާއި ޖަމްއިއްޔާތަކާއި ބައެއް އަމިއްލަ ފަރުދުންގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރުލުން ފާހަގަކުރާ ކަމަށާއި މިއަހަރުވެސް މިކަމަށް އެފަދަ އެހީތެރިކަމާ އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށް ހުސެއިން އަލީ ބުންޏެވެ.
ކުޅުދުއްފުށީގައި ހުސް ބިމެއްގައި އީދު ނަމާދު އެންމެ ފުރަތަމަ ކުރީ 2014 ވަނަ އަހަރުގެ ފިތުރު އީދު ނަމާދެ އެވެ.