ކުޅުދުއްފުށީ، ކިޔަވާގެ ޤަސީމާ ޤާސިމަކީ ގިނަ ބަޔަކަށް ގުރުއާން އުންގަނައްވައި ދެއްވުމުގެ އޭނާގެ މުޅި ހަޔާތް ހޭދަކޮށްފައިވާ މުރާލި ހިތްހޮޔޮ އަންހެނެކެވެ. މިހާތަނަށް އައިރުވެސް އޭނާގެ އެންމެ ހާއްސަ ކަމަކީ އަގެއް ނުނަގައި ހިލޭ ސާބަހަށް ކިޔަވާދޭތީ އެވެ.
މިއޮތީ ޤަސީމާ ގާސިމް ގުރުއާން ކިޔަވައި ދެއްވާ މީހަކަށް ނުވަތަ އެދުރު ދައްތަކަށް ވީގޮތާ ބެހޭ ގޮތުން ކުޅުދުއްފުށި އޮންލައިނަށް” ދެއްވި އިންޓަވިއު އެކެވެ.
ޤަސީމާ ދައްތަ ގުރުއާން ކިޔަވައިދިނުމުގެ ތެރެއަށް ވަދެވުނީ މަންމަގެ ފަރާތުންނެވެ. އޭނާ ވަރަށް ކުޑައިރުސުއްރެ ގޭ ތެރޭގައި އޭނަގެ މަންމަ ކުދިންނަށް ޤުރުއާން ކިޔަވައިދޭތަން ފެނި ޝައުގުވެރިވީ އެވެ. އަދި މަންމައަށް އެހީތެރިވުމުގެ ގޮތުން ކުދިންނަށް ކިޔަވައި ދޭން ފެށީ އެވެ. އެއިރު އޭނާގެ އުމުރުން ގާތްގަނޑަކަށް އެންމެ ދިހައެއް ނޫނީ އެގާރަވަރަކަށް އަހަރެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ އެންމެ އިސްކަން ދޭ އަދި މުހިއްމުކަމަކަށް ވެފައިވަނީ ޤުރުއާން ކިޔަވައިދިނުމެވެ.
ޤަސީމަ ދައްތަގެ ކިޔަވައިދިނުމުގައި އަދިވެސް ކުރީ ޒަމާނުގެ ބައެއް އުސޫލުތައް ގެންގުޅެ އެވެ. އެގޮތުން ކުދިންނަށް ކިޔަވާ ދެއްވަނީ ވޮށުފިލާ އަޅައިގެންނެވެ. މިހާރު މި ރާގަށް ކިޔަވައި ދޭ އެހެން ގެއެއް މިރަށަކު ނުހުންނާނެ ކަމަށް ޤަސީމަ ދައްތަ ބުންޏެވެ.
ކުރިއާއި މިހާރު ޤުރުއާން ކިޔަވައިދިނުމުގެ ތަފާތު ދައްކަމުން ޤަސީމަ ދައްތަ ބުނީ އޭރު އެންމެ މުހިއްމު ކަމަކީ ޤުރުއާން ކިޔެވުން ކަމަށާއި ކުއްޖަކު އެދުރުގެ ގެއަކަށް ކިޔަވަން ވަންނަ ހިސާބުން ފެށިގެން ޙަތިމްކޮށް ނިމޭ ދުވަހާ ހަމައަށް އެދޭތެރޭގައި ދުވަސްތަކަކީ އެކުއްޖަކަށާއި އެކުއްޖެއްގެ އާއިލާއަށް ބޮޑު ދުވަސްތަކުގެ ގޮތުގަ ކަމަށެވެ.
އޭރު ޤުރުޢާން ކިޔަވައިދިނުމުގެ އާދަތައް ހަނދާންކުރަމުން ޤަސީމަ ދައްތަ ބުނީ ކުއްޖަކު ޤުރުއާން ކިޔަވަން ގެންނަ ފުރަތަމަ ދުވަހު ޞަލަވާތް ކިޔަވައި ދީފައި ފެން ބޯންދޭކަމަށެވެ. އެއަށްފަހު ސޫރަތުލް ފާތިޙާ ކިޔަވާ ހިސާބަށް ދިއުމުން އަނެއްކާވެސް ޞަލަވާތް ކިޔަވާކަމަށް ޤަސީމަ ދައްތަ ބުންޏެވެ. އަދި ކިޔަވަމުން ގޮސް ޙަތިމް ތިންބައިވީ ފަރިއޮޅުލައި ކަމަށާއި އެއަށްފަހު ދެބައި ވުމުން ކުކުޅެއް ނެތް ކޭމެއް އޮންނާނެ ކަމަށެވެ. އަދި އެންމެ ފަހުން ޙަތިމްކޮށް ނިމުމުން ފުރިހަމަ ކޭމެއް ދޭނެކަމަށާއި އެއަށް ފަހު އެދުރު ދައްތައަށް ދެލި ފޮށައެއް ހަދިޔާ ކުރާކަމަށް ޤަސީމަ ދައްތަ ބުންޏެވެ. ދެލި ފޮށާގައި އޮންނާނީ ލިބާހަކާއި ކަނޑިއްކެކެވެ.
ގަސީމަ ދައްތަ ވޮށި ފިލާގައި ލިޔެގެން ކުދިންނަށް ކިޔަވާދެނީ–ކޭއޯ ފޮޓޯ
ޤަސީމަ ދައްތަ ބުނީ މިހާރު މަށި ފިލައެއް ނުގެންގުޅޭ ކަމަށާއި ގެންގުޅެނީ ފޮމެކާ ފިލާ ކަމަށެވެ. އަދި ދެލިދަވާދުގެ ބަދަލުގައި ފިލާގައި ލިޔަން މިހާރު ގެންގުޅެނީ މާކަރެވެ.
ޤަސީމަ ދައްތަ ބުނީ ޤުރުއާން ކިޔަވާ ދިނުމުގައި މި ހޭދަވި ގިނަ އަހަރުތަކުގައި ނިންމަން އެންމެ އުނދަގޫ ވިކަމަކީ ފީ އެއް ހަމަޖެއްސުން ކަމަށެވެ.
” ދައްތަ ފެށުނީއްސުރެ ޤުރުއާން ކިޔަވައި ދޭން އެންމެ ރުފިޔާއެއް ވެސް ނުނަގަން. ވަރަށް ފަހުން އެއްދުވަހަކު ބެލެނިވެރިޔަކު އައިސް ފީ އެއް ކިޔަން ބުނީ، އޭނާ ވަރަށް އާދެސް ކުރި ފަހުން ދައްތަ ބުނީ 30 ރުފިޔާ ރަނގަޅުވާނެ. އެއީ ދައްތަ އަށް ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް. ދައްތަ ވަރަށް އުޅުނިން ފީ ނުނަގަން. ދައްތަ މިކަން ކުރަނީ ﷲ އަށްޓަކައި” 67 އަހަރުގެ ޤަސީމަ ދައްތަ ބުންޏެވެ.
މީގެ 10 ވަރަކަށް އަހަރުކުރިން ފީ އެއް ކިޔަން “މަޖުބޫރު” ވީނަމަވެސް ޤަސީމަ ދައްތަ އަދިވެސް ކިޔަވައި ދެއްވަނީ އަގު ނުކިޔަ އެވެ. ޤަސީމަ ދައްތަ ބުނީ ބައެއް މީހުން 30 ރުފިޔާ ދޭއިރު އަނެއް ބައެއް މީހުން އެއަށް ވުރެ ގިނައިން ވެސް ދޭކަމަށެވެ. އަދި ހަމަ އެއްވެސް އެއްޗެއް ދޭން ނުލިބޭ ފަޤީރު ކުދިން ވެސް އަންނަކަމަށާއި އެކުދިންނާއި އެހެން ކުދިންނާ އެއްވެސް ތަފާތެއް ނުކޮށް ކިޔަވައިދޭކަމަށެވެ.
ޤަސީމަ ދައްތަ ވޮށި ފިލާގައި ކިޔަވާދެނީ–ކޭއޯ ފޮޓޯ
” ދައްތަ އަދިވެސް އަގެއް ނުކިޔަން އެކި މީހުން ކައިރިން އެއްކަލަ 30 ރުފިޔާ އެނެގެނީ. ދައްތަ ބުނަނީ އެމީހަކު ދޭ ހިތުން ދޭން ލިބުނު އެއްޗެއް ހެޔޮކަމަށް. އެއްޗެއް ނުލިބުނަސް ރަނގަޅުކަމަށް. ފޮތުގައި ލިޔެ ރުފިޔާ ދެނީ ކޮން ބައެއް ތޯ. ނުދެނީ ކޮން ބައެއް ތޯ ދައްތަ ނުބަލަން ” ހިނިތުންވެ ހުރެ ޤަސީމަ ދައްތަ ބުންޏެވެ.
ޤަސީމަ ދައްތަ ބުނީ ކުރީ ޒަމާނުގައި ޙަތިމްކޮށް ނިންމާފައި އެކުއްޖަކު އެދެފިނަމަ ޞަލަވާތް ކިޔަވަން ދަސްކޮށްދީ ނަމާދުކުރަން ވެސް ދަސްކޮށްދޭ ކަމަށެވެ. މިހާރުވެސް 50 ވަރަކަށް ކުދިންނަށް ޤުރުއާން ކިޔަވައި ދެއްވާއިރު ޤަސީމަ ދައްތަ ކައިރީން ކުދިންނަށް ފަސޭހައިން އަކުރު ދަސްވާކަން ގިނަ ބަޔަކު ބުނެވެ.
ޤަސީމަ ދައްތަ ބުނީ އަބަދުވެސް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކީ ކުޅުދުއްފުށިގެ ފަހުރެއް ކަމުގައިވާ ބޮނބިތަޅައި ރޯނު ވެށުން ކަމަށާއި މިހާރުވެސް އެމަސައްކަތް ހަމަ އެގޮތަށް ކުރާ ކަމަށް ޤަސީމަ ދައްތަ ބުންޏެވެ. ޤަސީމަ ދައްތައަށް 3 ކުދިން ލިބިފައިވެ އެވެ. އަދި ދަރިއެއް ގޮތަށް ވަރަށް ކުޑައިރުންސުރެ ބަލައި ބޮޑުކުރި ދަރިއެއް ހުންނަކަމަށް ޤަސީމަ ދައްތަ ބުނެވެ.
އަދި ގޭގައި އެކަނި އުޅުނު ނަމަވެސް ދަރީންގެ ފަރާތުން އެހީތެރިކަން ލިބޭކަން ޤަސީމަ ދައްތަ ފާހަގަކުރި އެވެ.