ކުޅުދުއްފުށީގައި ރޯމަހުގެ އަގު ހެޔޮވެއްޖެ އެވެ. ރޯދަމަސް ފެށުނުއިރާ ބަލާލާއިރު މިހާރު މާރުކޭޓްގައި ރޯމަސް ކިލޯއެއް ހުރީ 25 ރުފިޔާ އާއި 20 ރުފިޔާގެ ދެމެދުގެ އަގުގަ އެވެ.
ރޯދަމަހުގެ ފުރަތަމަ ހަފްތާ ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސް ކިލޯއެއް ހުރީ 35 ރުފިޔާ އާއި 30 ރުފިޔާގައި އެވެ.
ކުޅުދުއްފުށިގެ މަސްވެރިން ބުނީ މަހުގެ އަގު ހެޔޮވީ މަސްބާނާ މިންވަރު އިތުރުވެ، މަސްވެރިކަން ރަނގަޅު ވުމުން ކަމަށެވެ. މަސްވެރީން ބުނީ މިދުވަސް ވަރު އާއްމުކޮށް މަސް ބާނަނީ ހަނިމާދޫ އާއި ނޮޅިވަރަމާ ދޭތެރެއިން ކަމަށެވެ.
މިހަފްތާއަށް ފެށުނުއިރު މަހުގެ އަގު ހެޔޮވިއިރު އާއްމުކޮށް މާރުކޭޓްގައި ހުންނަނީ ރާގޮނޑި އެވެ. މާރުކޭޓްގައި ދޮޅު ކިލޯގެ ރާގޮނޑިއެއް ހުރީ 30 ރުފިޔާއަށެވެ. އަދި 2 ކިލޯގެ ރާގޮނޑި ހުރީ 50 ރުފިޔާ އާއި 40 ރުފިޔާ ދެމެދުގަ އެވެ.