ރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު މެޗުތައް އިންގްލެންޑާއި ނޮދަން އަޔަލެންޑް ކާމިޔާބުކުރިއިރު ޖާމަނީ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
އިންގްލެންޑުން މެޗު ކާމިޔާބުކުރީ ފަހު ވަގުތު ވޭލްސް ކޮޅަށް ޑެނިއަލް ސްޓަރިޖް ޖެހި ލަނޑުން 2-1 އިން މެޗުން މޮޅުވެގެންނެވެ. މެޗުގެ 42 ވަނަ މިނެޓްގައި އިންގްލެންޑުގެ ހާފުގެ މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން ވޭލްސް އަށް ލަނޑު ޖަހައި ލީޑު ހޯދައިދިނީ އެ ޓީމުގެ ތަރި ގެރެތު ބޭލް އެވެ. މިއީ ބޭލް މި މުބާރާތުގައި ޖެހި ދެވަނަ ލަނޑަށްވާއިރު ދެ ލަނޑުވެސް ޖަހާފައިވަނީ ހިލޭ ޖެހުމުންނެވެ.
މެޗުގެ 56 ވަނަ މިނެޓްގައި އިންގްލެންޑުން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ވޭލްސް ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ގޯލު ކުރިމައްޗަށް ވެއްޓުނުއިރު މި ބޯޅަ ޖެމީ ވާޑީ ވަނީ ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ. އަދި މެޗުގެ 91 ވަނަ މިނެޓްގައި ޑެނިއަލް ސްޓަރިޖް ވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ޗާންސެއް ގޯލުގެ ތެރެއަށްވައްދާލައި މި މެޗުން އިންގްލެންޑް މޮޅުކޮށްދީފަ އެވެ. މި މެޗުގައި އިންގްލެންޑަށް ލަނޑު ޖަހައިދިން ދެ ކުޅުންތެރިންނަކީ ވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ދެ ކުޅުންތެރިންނެވެ.
ބޭލް ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު
މި މޮޅާއެކު އިންގްލެންޑުން 4 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނާގައި އޮތްއިރު ދެވަނަ އަދި ތިން ވަނާގައި 3 ޕޮއިންޓާއެކު އޮތީ ސްލޮވާކިޔާ އަދި ވޭލްސް އެވެ. ގުރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާއެކު އޮތީ ރަސިޔާ އެވެ.
ގެރެތު މިކްއޯލީ އަދި ނިޔަލް މިކްގިން ޖަހައިދިން ދެ ލަނޑާއެކު ނޮދަން އަޔަލެންޑުން ވަނީ ޔޫކްރެއިންގެ މައްޗަށް 2-0 އިން ކުރިހޯދާފަ އެވެ. އަޔަލެންޑުން މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ މެޗުގެ 49 ވަނަ މިނެޓްގައި އޮލިވާ ނޯވުޑް ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ގެރެތު މިކްއޯލީ އެވެ. އަދި މެޗުގެ އިތުރު ވަގުތު ގެ ހަ ވަނަ މިނެޓްގައި ރިބައުންސެއްގައި ނުކުތް ބޯޅަ އަކުން ނިޔަލް މިކްގިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗު ކާމިޔާބުކޮށްފަ އެވެ.
މެކް އޯލީ
ރޭ ގުރޫޕް ސީ ގައި ކުޅުނު އަނެއް މެޗުގައި ޖާމަނީ އާއި ޕޮލެންޑް ކުޅުނުއިރު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މިއީ 2008 ގެ ޔޫރޯ އަށް ފަހު ގުރޫޕް ސްޓޭޖްގައި 0-0 އިން މެޗެއް އެއްވަރުވި ފުރަތަމަ ފަހަރަށްވާއިރު މިއީ ޖާމަނީ އިން އެންމެ ފަހުން މުބާރާތްތަކުގައި ކުޅުނު މެޗުތަކުގައި ލަނޑެއް ނުޖަހާ ނިންމާލި ފުރަތަމަ މެޗެވެ. މި އެއްވަރާއެކު ޖާމަނީ އަދި ޕޮލެންޑް 4 ޕޮއިންޓާއެކު އެއްވަނަ އަދި ދެވަނާގައި އޮތްއިރު ނޮދަން އަޔަލެންޑް އޮތީ ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނާގަ އެވެ. ގުރޫޕްގެ ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ޔޫކްރެއިން އެވެ.
މިރޭ މި މުބާރާތުގައި ކުޅޭ މެޗުތަކުގައި ބައްދަލު ކުރާނީ އިޓަލީ އާއި ސްވިޑަން، ޗެކް ރިޕަބްލިކް ކޮރޭޝިޔާ އަދި ސްޕެއިން އާއި ތުރުކީ އެވެ.