ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިތުރު ވަގުތުގެ ތެރޭގައި ދެ ލަނޑު ޖަހައި ފުރާންސުން އަލްބޭނިޔާ 2-0 އިން ބަލިކޮށްފި އެވެ.
މި މެޗުގައި ފުރާންސުން ލަނޑު ޖަހާފައިވަނީ މެޗުގެ 90 ވަނަ މިނެޓްގައި ފުރާންސްގެ އާދިލް ރަމީ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި އެންޓޮއިން ގުރިޒްމަން އެވެ. މި ލަނޑާއެކު އަލްބޭނިޔާއިން ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައިވާއިރު ފުރާންސުން ދެވަނަ ލަނޑު ޖެހީ ކައުންޓަރ އެޓޭކެއްގައި އުފެއްދި ހަމަލާއެއްގައި ޑިމިޓްރީ ޕައޭޓް އެވެ. މިއީ ޕައޭޓް މި މުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ.
ރޭ ރަސިޔާ އާއި ސްލޮވާކިޔާ ބައްދަލުކުރި މެޗު ސްލޮވާކިޔާއިން ވަނީ 2-1 އިން ކާމިޔާބުކޮށްފަ އެވެ. ސްލޮވާކިޔާއިން މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނެޓްގައި ސްލޮވާކިޔާގެ ހަމްސިކް އެ ޓީމުގެ ހާފު ތެރެއިން ރަސިޔާގެ ހާފު ތެރެއަށް ފޮނުވާލި ލޯންގް ބޯޅަ އަކުން ލާޑިމިއާ ވެއިސް ދެ ކުޅުންތެރިން ކައިރިން ނެއްޓުމަށް ފަހު ކާމިޔާބުކުރި ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ވެއިސް ކުރުކޮށް ކުޅެލި ކޯނަރަކުން ހަމްސިކް ވަނީ ވަރަށް ރީތި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 2-0 އަށް ބަދަލުކޮށްލާފަ އެވެ.
ހަމްސިކް ލަނޑު ޖެހުމަށްފަހު
ރަސިޔާގެ އޮލެގް ޝަޓޯވް ޕެނަލްޓީ އޭރިޔާއަށް ހުރަސްކޮށްލި ބޯޅައަކުން މެޗުގެ 80 ވަނަ މިނެޓްގައި ޑެނިސް ގުލުޝަކޯވް ލަނޑެއް ޖަހައި އުއްމީދު އާ ކުރި ނަމަވެސް އިތުރު ލަނޑެއް ޖެހުމުގައި އެ ޓީމު ވަނީ ނާކާމިޔާބުވެފަ އެވެ.
ރޭ ރުމޭނިޔާ އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗު 1-1 އިން ނިމުނުއިރު ރުމޭނިޔާއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބޮގާން ސްޓޭންކޫ އެވެ. މިއީ މި މުބާރާތުގައި ސްޓޭންކޫ ޖެހި ދެވަނަ ލަނޑަށް ވާއިރު ރުމޭނިޔާއިން މި މުބާރާތުގައި ޖެހި ދެ ލަނޑަކީ ވެސް ޕެނަލްޓީ އިން ކާމިޔާބުކުރި ދެ ލަނޑެވެ. ސްވިޒަލެންޑްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 57 ވަނަ މިނެޓްގައި އަދްމީރް މެހްމަދީ ވޮލީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ.
މިރޭ މުބާރާތުގައި ކުޅޭ މެޗުތަކުގައި ބައްދަލު ކުރާނީ އިންގްލެންޑާއި ވޭލްސް، ޔޫކްރެއިން އާއި ނޮދަން އަޔަލެންޑް އަދި ޖަރުމަނާއި ޕޮލެންޑް އެވެ.