އަމީރު އަމީން ސްކޫލު ކުރިން ހިންގި އިމާރާތުގައި މަތީ ތައުލީމުދޭ މަރުކަޒެއް ގާއިމުކޮށް، ހިންގުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ކައުންސިލުން އިއުލާންކުރުމާ ގުޅިގެން މުއްދަތު ހަމަވިއިރު ތިންފަރާތަކުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ކައުންސިލުގެ ރައީސް “ކުޅުދުއްފުށި އޮންލައިނަ”ށް ވިދާޅުވީ މުއްދަތު ހަމަވިއިރު ތިންފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެ ތިން ފަރާތަކީ ވިލާ ކޮލެޖާއި އެވިޑް ކޮލެޖްގެ އިތުރުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެވެ.
ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް މިވަނީ ފުރަތަމަ ކުރި އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރުމަށް ހުޅުވާލި ފުރުސަތުގައި އެވެ. ކުރީގެ އަމީރު އަމީން ސްކޫލު ހިންގި އިމާރާތް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 25 އަހަރު ދުވަހަށެވެ.