ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ފުރާންސާއި ސްވިޒަލެންޑުން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ފުރާންސާއި ސްވިޒަލެންޑް ރޭ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗުގައި ފުރާންސުން މޮޅަށް ކުޅުނުއިރު ޑިމިޓްރީ ޕައޭޓް އަދި ޕައުލް ޕޮގްބާ ފޮނުވާލި ދެ ހަމަލާ ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. މިއީ ސްވިޒަލެންޑަށް ޔޫރޯ މުބާރާތެއްގެ ގުރޫޕް ސްޓޭޖް ފަހަނާޅައި ދެވުނު ފުރަތަމަ ފަހަރެވެ.
ރޭ މި ގުރޫޕްގައި ކުޅުނު އަނެއް މެޗުގައި އަލްބޭނިއާ އިން ވަނީ 1-0 އިން ރޮމޭނިއާ ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 43 ވަނަ މިނެޓްގައި ލެޑިއަން މެމުޝާޖް ނަގައިދިން ހުރަހަކުން ބޮލުން ޖަހައި އަމަންޑޯ ސަޑީކޫ އެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ އަލްބޭނިއާ އަށް މި މުބާރާތުގައި ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ. އަދި މިއީ އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ.
ސަޑިކޫ ލަނޑު ޖަހަނީ
މި ގުރޫޕްގެ އެއްވަނަ އަށް 7 ޕޮއިންޓާއެކު ފުރާންސް ދިޔައިރު ސްވިޒަލެންޑުން ދެވަނަ ހޯދީ 5 ޕޮއިންޓާއެކު އެވެ. އަލްބޭނިއާ އަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ހަނި ފުރުސަތެއް އޮތްއިރު ރޮމޭނިއާ އެއް ޕޮއިންޓާއެކު ވަނީ މި މުބާރާތާ އަލްވަދާއު ކިޔާފަ އެވެ.
މިރޭ މި މުބާރާތުގެ ގުރޫޕް ބީ ގެ ފަހު ދެ މެޗު ކުޅޭއިރު ބައްދަލުކުރާނީ ރަސިޔާ އާއި ވޭލްސް އަދި އިންގްލެންޑާއި ސްލޮވާކިޔާ އެވެ. މި ގުރޫޕްގެ އެއްވަނާގައި 4 ޕޮއިންޓާއެކު އިންގްލެންޑް އޮތްއިރު ވޭލްސް އާއި ސްލޮވާކިޔާ އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ރަސިޔާ 4 ވަނާގައި އޮތީ 1 ޕޮއިންޓާ އެކު އެވެ.