twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވޭލްސް އާއި އިންގްލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް

Jun 21, 2016

ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ވޭލްސް އާއި އިންގްލެންޑް ދަތުރުކޮށްފި އެވެ.

ވޭލްސް އިން ދެވަނަ ބުރަށް ދަތުރުކުރީ ރޭ ރަސިޔާ 3-0 އިން ބަލިކޮށް 6 ޕޮއިންޓާއެކު ގުރޫޕް ބީ ގެ އެއްވަނަ ހޯދައިގެންނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ވޭލްސް އިން ރޭ ރަސިޔާ އާ ކުޅުނު މެޗުގައި ލީޑު ނެގީ މެޗުގެ 11 ވަނަ މިނެޓްގައި ޖޯ އެލެން ދިން ތުރޫ ޕާހަކުން އާރޮން ރަމްސީ އެވެ.

ފުރަތަމަ ހާފުގެ 20 ވަނަ މިނެޓްގައި ނީލް ޓެއިލަރ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. މިއީ ބޭލް ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޅިން ހުސްކޮށް ލިބުނު ޗާންސެއްގައި ކާމިޔާބުކުރި ލަނޑެކެވެ. ވޭލްސްގެ ފަހު ލަނޑަކީ މެޗުގެ 67 ވަނަ މިނެޓްގައި އާރޮން ރަމްސީ ދިން ތުރޫ ޕާހަކުން ގެރެތު ބޭލް ކާމިޔާބުކުރި ލަނޑެކެވެ. މިއީ ބޭލް މި މުބާރާތުގައި ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި ރޭ އިންގްލެންޑާއި ސްލޮވާކިޔާ ބައްދަލުކުރިއިރު މެޗު ނިމިގެން ދިޔައީ 0-0 އިން އެއްވަރުވެގެންނެވެ. އިންގްލެންޑުން ވޭލްސް އާ ކުޅުނު މެޗުގައި ފުރަތަމަ 11 ގައި ހިމެނުނު 6 ކުޅުންތެރިން ނުލައި ފެށި މި މެޗުގައި ކެޕްޓަން ވޭން ރޫނީ ވެސް މެޗު ފެށީ ބެންޗުންނެވެ.

މި އެއްވަރާއެކު އިންގްލެންޑަށް ގުރޫޕްގެ އެއްވަނަ ގެއްލުނުއިރު ކުޅުނު ތިން މެޗުން އިންގްލެންޑަށް ލިބުނީ 5 ޕޮއިންޓެވެ. ސްލޮވާކިޔާއަށް 4 ޕޮއިންޓާއެކު ގުރޫޕްގެ ތިން ވަނަ ލިބުނުއިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މި ގުރޫޕްގެ ފުލަށް ދިޔަ ރަސިޔާ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ރޭ އިންގްލެންޑާއި ސްލޮވާކިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

މިރޭ މި މުބާރާތުގައި ޖުމްލަ 4 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 2100 ގައި ކުޅޭ މެޗުތަކުގައި ބައްދަލުކުރާނީ ނޮދަން އަޔަލެންޑް އާއި ޖާމަނީ އަދި ޔޫކްރެއިން އާއި ޕޮލެންޑެވެ. ޖާމަނީ އަދި ޕޮލެންޑް 4 ޕޮއިންޓާއެކު އޮތްއިރު ނޮދަން އަޔަލަންޑް އޮތީ 3 ޕޮއިންޓާއެކު އެވެ. ޔޫކްރެއިން އޮތީ އަދި އެއްވެސް ޕޮއިންޓެއް ނުލިބި އެވެ.

މިރޭ 0000 ގައި ކުޅޭ މެޗުތަކުގައި ބައްދަލު ކުރާނީ ކޮރޭޝިޔާ އާއި ސްޕެއިން އަދި ޗެކް ރިޕަބްލިކާއި ތުރުކީ އެވެ. ގުރޫޕްގެ އެއްވަނާގައި ސްޕެއިން އޮތީ 6 ޕޮއިންޓާއެކު އެވެ. ކޮރޭޝިޔާ 4 ޕޮއިންޓާއެކު އޮތްއިރު، ޗެކް ރިޕަބްލިކަށް ލިބިފައިވަނީ އަދި އެންމެ ޕޮއިންޓެކެވެ. ތުރުކީ އަށް އަދި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355