ރާއްޖޭގެ އުތުރަށް އަރަބި މީޑިއަމް ތައާރަފްކުރުމުގެ ގޮތުން މިއަހަރުގެ ދިރާސީ އާ އަހަރާއެކު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އަރަބި މީޑިއަމަށް ކިޔަވައިދޭން ފެށި އެވެ.
ސްކޫލުގެ ކިޔެވުން ފެށުނުއިރު ގުރޭޑް 1 ގެ އަރަބި މީޑިއަމަށް ކިޔަވައިދޭ 2 ކުލާސް ހުރި ނަމަވެސް މިހާރު އަރަބި މީޑިއަމަށް ކިޔަވަނީ އެންމެ 18 ދަރިވަރުންނެވެ. ބައެއް ބެލެނިވެރިން ބުނީ އަރަބި މީޑިއަމަށް ކިޔަވައި ދިނުމުން މަތީ ގުރޭޑްތަކަށް ދިއުމުން އުނދަގޫ ވާނެ ކަމަށެވެ.
އެގޮތުން އެމީހުންގެ ކަންބޮޑުވުމަކީ ހިސާބު ފަދަ މާއްދާތައް އަރަބި މީޑިއަމްގައި ކިޔަވާފައި ސެކަންޑަރީ ގުރޭޑްތަކަށް ދިއުމުން އަރަބި މީޑިއަމްއަށް ނުކިޔަވާދީފާނެތީ އެވެ. އެހެން އެކަން ވެއްޖެނަމަ ދަރިވަރަކަށް އެކުރެވުނީ ބޭކާރު ކަމެއް ކަން ބައެއް ބެލެނިވެރިން ފާހަގަކުރެ އެެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު ޝުވައިބު އަލީ ވިދާޅުވީ ބެލެނިވެރީންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަރަބިބަހުގެ އިތުރުން އިސްލާމީ ތަރުބިއްޔަތާއި ހިސާބު މާއްދާ އަރަބި މީޑިއަމްއަށް ކިޔަވައި ދެއްވާތީ ބެލެނިވެރިންނަށް އުނދަގޫ ވުމެވެ. އަދި ގޭ ތެރޭގައި ފިލާވަޅުތައް ބުނެދިނުމަށް ބެލެނިވެރިންނަށް ދަތިތަކެއް ހުރުމުން އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން އުފުލި ކަމަށެވެ. އަދި މިހާރު އެކަން ހައްލުވެ ބެލެނިވެރިން އެދުމުން އެ ދަރިވަރުން އަރަބި މީޑިއަމްގެ ކުލާހުން އިނގިރޭސި މީޑިއަމްއަށް ވަނީ ބަދަލު ކުރެވިފައެވެ. ބަދަލު ކުރެވުނު ދަރިވަރުންނަށް ވެސް އަރަބިކް ލޭންގުއޭގް ކުލާސްތަކުގައި ބައިވެރިވެވޭނެ އެވެ.
އޭނާ ވިދާޅުވީ ގުރޭޑް 1 ގެ ހުރިހާ ދަރިވަރުނަށް ވެސް އަރަބި ބަސް މިހާރުވެސް ކިޔަވައިދޭ ކަމަށާއި އަންނަ އަހަރުވެސް އަރަބި ބަސް ކިޔަވައިދޭނެ ކަމަށެވެ. ހަމައެއާއެކު އަރަބި މީޑިއަމްގެ ކުލާސްތަކަށް ވަނުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.