ސްމާޓް ފޯނެއް ނުގެންގުޅޭ މީހެއް މިހާރު މަދުވާނެ އެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ސްމާޓް ފޯނު ގެންގުޅެ އެވެ. އަދި އެކިއެކި އެޕްލިކޭޝަންސްތައް އަޅައިގެން ފޯނުން އެކިކަންތައް ކުރެއެވެ. އާންމުކޮށް މިބޭނުން ކުރަނީ ސޯޝަލް މީޑިއާގެ އެކިވައްތަރުގެ އެޕްލިކޭޝަން ތަކެވެ.
އެގޮތުން ފޮޓޯ ޝެއާރ ކުރާ އެޕްލިކޭޝަންއެއް ކަމަށްވާ އިންސްޓަގުރާމް އަކީ 500 މިލިއަނަށްވުރެން ގިނަ މީހުން ސްމާޓް ފޯނުތަކަށް އަޅައިގެން ބޭނުން ކުރާ އެޕްލިކޭޝަން އެކެވެ. އަދި އިންސްޓަގުރާމް ކޮންމެ ދުވަހަކު އެއްފަހަރު ނަމަވެސް 300 މިލިއަން މީހުން ބޭނުން ކުރެއެވެ.
677 މިލިއަން ޔޫރޯއަށް 2012 ވަނަ އަހަރު ފޭސްބުކްއިން ވަނީ މި ހިދުމަތް ގަނެފަ އެވެ. އަދި އެއަށްފަހުން މި ހިދުމަތް ވަނީ އިތުރަށް ފުޅާވެފަ އެވެ. އިންސްޓަގުރާމްގެ ކުންފުނިން ބުނާ ގޮތުގައި ދުވާލެއްގެ މައްޗަށް 95 މިލިއަން ފޮޓޯ އާއި ވީޑިއޯ އިންސްޓަގުރާމްގައި ޕޯސްޓް ކުރެއެވެ.
އިންސްޓަގުރާމް ލޯންޗުކޮށްފައި ވަނީ 2010 ވަަނަ އަހަރު އެވެ. އަދި މި އެޕްލިކޭޝަން ނެރުނު ދުވަހު އެކަނިވެސް 25000 މީހުން އިންސްޓަގުރާމް އެމީހުންގެ ސްމާޓް ފޯނުތަކަށް އެޅިކަމަށް އެ ކުންފުނިން ބުނެއެވެ.
އިންސްޓަގުރާމްގެ ލޯގޯ ބަދަލު ކުރުންވީ ގިނަ ބައެއްގެ ފާޑުކިޔުން އިންސްޓަގުރާމަށް އަމާޒުވި ކަމަކަށެވެ. ލޯގޯ ބަދަލު ކުރަން އުޅުން އިރުވެސް މީހުންގެ ފާޑުކިޔުން އަމާޒުވާނެކަން އެނގޭ ކަމަށް އިންސްޓަގުރާމްގެ ކޯ ފައުންޑާ ކެވިން ސިސްޓްރޮމް ވިދާޅުވި އެވެ.
އިންސްޓަގުރާމަށް މިވީ 5 އަހަރާއި 6 މަސް ދުވަސް ތެރޭގައި ޓްވިޓާއަށް ވުރެން ކުރިއަރައިފި އެވެ. އަދި 16 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސްނެޕްޗެޓް ގެންގުޅެނީ 100 މިލިއަން މީހުން ނެވެ.
ފޭސްބުކުން 2012 ވަނަ އަހަރު އިންސްޓަގުރާމް ގަތް އިރު އިންސްޓަގުރާމް 30 މިލިއަން މީހުން ބޭނުން ކުރެއެވެ.