ކުޅުދުއްފުށީ ހަސަނާތު މިސްކިތް ކައިރީގައި ހުރި 40 ރޯހައުސްގެ ގުރުއަތުލުން ރޯދަމަހަށް ފަހު ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލު މެމްބަރު އަލީ ހާޝިމް ކޭއޯ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަސަނާތު މިސްކިތް ކައިރީގައި ހުރި ރޯހައުސްތަކުގެ ގުރުއަތުލުން ކުރިއަށްގެންދިއުމަށް ހައުސިންގ މިނިސްޓްރީން އަންގާފައިވާ ކަމަށާއި އެމަސައްކަތް ކުރުން މަޑުޖައްސާލައިފައިވަނީ ރޯދަމަސް ކަމުން ރަށުން ބޭރު ފަރާތަކަށް ދަތުރުފަތުރުކޮށް އުޅުމަށް ދަތިތަކެއް ހުންނާނެތީ ކަމަށެވެ.
ކަނބޯރަނި ހިޔާގެ ރޯހައުސްތައް ގުރުއަތުލުން ކުރިއަށްގެންދިޔަ އިރު ހަސަނާތު މިސްކިތް ކައިރީގައި ހުރި ރޯހައުސްތަކުގެ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީގައި އާދޭސް ދެންނެވި ކަމަށާއި އެހެން ނަމަވެސް މިނިސްޓްރީން އެކަމަށް އަޅައެއް ނުލިކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ. އަދި ހަމަ އެރޯހައުސްތަކުގެ ގުރުއަތުލުން ނިމުނުތާ ހަފްތާއެއް ވެސް ނުވަނީ ހަސަނާތު މިސްކިތް ކައިރީގައި ހުރި ރޯހައުސްތަކުގެ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އެންގި ކަމަށެވެ.
އަލީ ވިދާޅުވީ ރޯދަމަސް ނިމި މާ ގިނަ ދުވަސްތަކެއް ނުވެ ހަސަނާތު މިސްކިތް ކައިރީގައި ހުރި ރޯހައުސްތަކުގެ ގުރުއަތުލުން އިއުލާންކުރެވޭނެ ކަމަށެވެ.