ފަސްވަނަ ބައި
“އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުނޭވެ! އަހުރެންގެ ކިބާގައި އެއްވެސް ފުރެއްދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ އާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން އައި ރަސޫލަކީމެވެ. އަހުރެންގެ ވެރި ރަސްކަލާނގެ ރަސޫލުކަން ތިޔަަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭގޭ ކަންތައްތައް ﷲ ގެ ހަޟްރަތުން އަހުރެންނަށް އެނގެ އެވެ.” (ސޫރަތުލް އަޢުރާފް: 61-62)
ﷲ ގެ މަގަށް ގޮވާލެއްވުމަށް ގަޑިއަކަށްފަހު ގަޑިއެއް، ދުވަހަކަށްފަހު ދުވަހެއް، އަހަރަކަށްފަހު އަހަރެއް ކަޑައްތުކުރައްވަމުން ނޫޙްގެފާނު ކުރިއަށް ވަޑައިގަތެވެ. ފާޅާއި ސިއްރުގައި އެބައިމީހުންނަށް އިންޒާރުދެއްވަމުން ވަޑައިގަތީ ހުއްޖަތާއި ދަލީލު ދައްކަވަމުންނެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއި އެކަލާނގެ އުފެއްދެވުމުގައި ދެވަނައެއް ނެތް ތަކެތީގެ ވާހަކައިން އެކަލޭގެފާނު ގެންދެވީ މިސާލުޖައްސަވަމުންނެވެ.
ނަމަވެސް އެކަލޭގެފާނު އެބައިމީހުންނަށް ދީނަށް ގޮވާލައްވާ ކޮންމެ ވަގުތަކު އެބައިމީހުން އެތަނުން ހިނގައިދެއެވެ. އެބައިމީހުންނަށް ޢަފޫކޮށްދެއްވުމަށް ﷲ އަށް ދެންނެވުމަށް ބާރުއަޅާ ކޮންމެ ވަގުތަކު އެއަޑު ނޭހުމަށްޓަކައި ބޮޑާމާއި، ކިބުރުވެރިކަމާއެކު އެބައިމީހުން ގެންދިޔައީ އެބައިމީހުންގެ ކަންފަތްތަކުގައި އަތްއަޅައި ބާރުކުރަމުންނެވެ.
ނޫޙްގެފާނުގެ ގޮވާލެއްވުން
ނޫޙްގެ ފާނާއި ބެހޭގޮތުން ކީރިތި ﷲ ވަޙީކުރައްވާފައި ވެއެވެ. “ހަމަކަށަވަރުން ތިމަންރަސްކަލާނގެ، ނޫޙްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ ޤައުމުގެމީހުންނަށް އިންޒާރުކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި ޢާޛާބު އައުމުގެ ކުރިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ގައުމުގެ މީހުންނޭވެ! ހަމަކަށަވަރުން އަހުރެންނީ ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި އިންޒާރުކުރާ މީހަކީމެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް ތަޤްވާވެރި ވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ! (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ ފާފަތަށް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައި ދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެވެ.
ހަމަކަށަވަރުން ﷲ ކަނޑައަޅުއްވާފައިވާ އަޖަލެއް އަތުވެއްޖެނަމަ ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައިވާނަމައެެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނަށް (އީމާންވުމަށް) ރެއާއި ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ. ފަހެ ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން ފިލާންދިއުން ނޫންކަމެއް އެއުރެންނަށްކަށް އިތުރެއް ނުކުރިއެެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވި ވަރަކަށް އެއުރެން ދަނީ އެކަލޭގެފާނުގެ ދައުވަތާއި ދުރަށެވެ.) އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ އެއުރެންގެ ފާފަ ފުއްސެވުމަށްޓަކައި ތިމަންކަލޭގެފާނު އެއުރެންގެ (އީމާންވުމަށް) ގޮވައްލައްވާ ކޮންމެފަހަރަކު އެއުރެންގެ އިނގިލިތައް އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން އެއުރެން ނިވާވެގަތެވެ. އަދި އެއުރެން (ކުފުރިވެރިކަން މަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ. ދެން ހަމަކަށަވަރުން ތިމަންކަލޭގެފާނު އެއުރެންނަށް ފާޅުގައި ގޮވާލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވާ އެއުރެންނަށް ގޮވާލެއްވީމެވެ. ފަހެ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައި ވެއެެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި ދަރިންގެ ގޮތުގައި ގޮތުން އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ.
(ނުނިމޭ)
– އަބްދުއްރައްޒާގު އަލީ ލިޔުއްވާފައިވާ ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ ފޮތުން ނަގާފައި