twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހަނިގޮތަކަށް ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކޮށްފި

Jun 23, 2016

ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން އެއްވަރުވެގެން ޕޯޗުގަލްއިން ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ޕޯޗުގަލްއިން ރޭ ހަންގޭރީއާ ކުޅުނު މެޗު 3-3 އިން އެއްވަރުވެގެން ނިމުނުއިރު ރޮނާލްޑޯ ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ 19 ވަނަ މިނެޓްގައި ހަންގޭރީގެ ޒޮލްޓާން ގެރާ ލަނޑެއް ޖަހާފައިވަނިކޮށް ޕޯޗުގަލް އިން އެއްވަރުކުރީ 42 ވަނަ މިނެޓްގައި ނާނީ ޖަހައިދިން ލަނޑުންނެވެ. ހަންގޭރީގެ ބޮލާޒް ޖޫޖާކް ފަހު ހާފުގައި ހަންގޭރީ އަށް ދެ ލަނޑު ޖަހައިދިންއިރު ރޮނާލްޑޯވެސް ލަނޑު ޖެހީ ފަހު ހާފު އެވެ.

މި ގުރޫޕްގެ ފަހު މެޗުގައި އައިސްލެންޑުން ވަނީ 94 ވަނަ މިނެޓްގައި އާނޯ އީންގްވީ ޖަހައިދިން ލަނޑުން 2-1 އިން އޮސްޓްރިއާ ބަލިކޮށްފަ އެވެ. އައިސްލެންޑުން މެޗުގެ 18 ވަނަ މިނެޓްގައި ބޮއެޑްވާސަން ޖަހައިދިން ލަނޑުން ލީޑު ނަގާފައިވަނީ އޮސްޓްރިއާއިން އެއްވަރުކުރީ މެޗުގެ 60  ވަނަ މިނެޓްގައި އެލެސެންޑްރޯ ޝާފް ޖަހައިދިން ލަނޑުންނެވެ. މެޗުގެ 37 ވަނަ މިނެޓްގައި އޮސްޓްރިއާގެ އެލެކްސެންޑަރ ޑްރާގޮވިޗް ޖެހި ޕެނަލްޓީ ޖެހުނީ ދަނޑީގަ އެވެ.

އައިސްލެންޑުން ކުޅުންތެރިން ފަހު ވަގުތު ޖެހި ގޯލަށް ފަހު

މި ގުރޫޕްގެ އެއްވަނަ އަދި ދެވަނާގައި 5 ޕޮއިންޓާއެކު އޮތީ ހަންގޭރީ އަދި އައިސްލެންޑް އެވެ. ޕޯޗުގަލްއަށް 3 ޕޮއިންޓް ލިބުނުއިރު އޮސްޓްރިއާއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ރޭ އަޔަލެންޑުގެ ރޮބާޓް ބްރޭޑީ ޖަހައިދިން ހަމައެކަނި ލަނޑާއެކު އެ ޓީމުން ވަނީ 1-0 އިން އިޓަލީ ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އަދި ބެލްޖިއަމް އިން ވަނީ 84  ވަނަ މިނެޓްގައި ނައިންގޮލަން ޖަހައިދިން ލަނޑުން 1-0 އިން ސްވިޑަން ބަލިކޮށްފަ އެވެ.

ރޭގެ މެޗަށް ނުކުތްއިރުވެސް އިޓަލީ އަށް 6 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޔަޤީންވެފަ އޮތްއިރު މި ގުރޫޕްގެ ދެވަނަ އަށް ދިޔައީ 6 ޕޮއިންޓާއެކު ބެލްޖިއަމް އެވެ. އަޔަލެންޑަށް 4 ޕޮއިންޓް ލިބުނުއިރު ސްވިޑަން އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ރޮބާޓް ބްރޭޑީ

ދެވަނަ ބުރުގެ މެޗުތައް މި މަހުގެ 25 ގައި ފަށާއިރު އެ ރޭ ކުޅޭ މެޗުތަކުގައި ބައްދަލުކުރާނީ ސްވިޒަލެންޑް އާއި ޕޮލެންޑް، ވޭލްސް އާއި ނޮދަން އަޔަލެންޑް އަދި ކޮރޭސިޔާ އާއި ޕޯޗުގަލް އެވެ. ދެވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު ބައްދަލުކުރާނީ ފްރާންސާއި އަޔަލަންޑް، ޖާމަނީ އާއި ސްލޮވާކިޔާ، ހަންގޭރީ އާއި ބެލްޖިއަމް، އިޓަލީ އާއި ސްޕެއިން އަދި އިންގްލެންޑާއި އައިސްލެންޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355