ސައޫދީ ރަސްގެފާނު ރާއްޖެއަށް ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން ކުޅުދުއްފުއްޓަށް ލިބުނު ކަދުުރު 27 ޖުލައި ގައި ދޫކުރަން ފަށާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުއްޓަށް ލިބިފައިވަނީ 2 ކިލޯގެ 425 ޕެކެޓް ކަދުރުކަމާއި ކަދުރު ދޫކުރާނީ ހެނދުނު 10:30 ން ފެށިގެން މެންދުުރު 12:00 ގެ ނިޔަލަށް ކަމަށެވެ.
އެގޮތުން ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް އެދުވަހަކަށް ކަނޑައެޅިފައިވާ އަދަދަށް ނަންބަރު ދޫކުރުމަށްފަހު ދޫކުރެވޭ ނަންބަރު ހުސްވަންދެން ކަމަށް އިއުލާނުގައި ވެއެވެ.
ކުޅުދުއްފުށީގައި 1450 ގޭގައި މީހުން ދިރިއުޅޭއިރު ކަދުރާ ހަވާލުވުމަށް ވަޑައިގަންނަވަން ވާނީ އެގެއެއްގެ ރަށްވެހީންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ތެރެއިން އެގެެއެއްގައި ދިރިއުޅޭ ފަރާތްތަކުން އެފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ހިއްޕަވައިގެން ކަމަށްވެސް އިއުލާނުގައި ވެއެވެ.
އަންނަ ހަފްތާ ކުޅުދުއްފުށީގައި ކަދުރު ބަހަން ފަށާއިރު ހދ އަތޮޅަށް ކަދުރު ލިބިފައިވަނީ މި ހަފްތާ ކުރީކޮޅު އެވެ. މީގެ ކުރީގެ އަހަރުތަކުގައި ރޯދަމަސް ފެށުމުގެ ކުރިން ކަދުރު ލިބުނު ނަމަވެސް މިއަހަރު ގޭ ބިސީތަކަށް ކަދުރު މި ލިބެނީ ރޯދަމަހުގެ ބޮޑުބައި ދިޔަ ފަހުންނެވެ..