ކޮކާކޯލާ ކުންފުނިން ޔޫރޯގެ ދެ ވަނަ ބުރުގައި ގެރެތު ބޭލްގެ ވޭލްސް މެޗު ބަލައިލުމަށް ހިންގި ހާއްސަ ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު ނަސީބު ވެރިން ޕެރިހަށް ފުރައިފި އެވެ.
ގުރުއަތުން ހޮވުނު 6 ނަސީބު ވެރިންނަށް ބަލައިލުމުގެ ފުރުސަތު ދީފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކުޅޭ، މުބާރާތުގެ ދެ ވަނަ ބުރުގެ ދެ ވަނަ މެޗެވެ. އެ މެޗުގައި ވާދަ ކުރަން ހަމަޖެހިފައި ވަނީ، ޔޫރޯގައި މުޅިން އަލަށް ވާދަކުރާ ވޭލްސް އާއި ނޮދަން އަޔަލޭންޑެވެ.
ޔޫރޯ ޕްރޮމޯޝަންގެ ނަސީބު ވެރިންނަށް ހޮވިފައިވަނީ އައިމިނަތު ރަޝާ، އިބްރާހީމް ނައީމް، ތަލްޙަތު މޫސާ، ހަސަން ޝިފާޒް، އައިޝަރު އަރޫޝާ އަދި އަބްދުﷲ ވަހީދެވެ.
މި ހަ ބައިވެރިންގެ އިތުުރުން ކޮންމެ ބައިވެރިޔަކު އެކުގައި އިތުުރު ބައިވެރިޔަކު ގެންދިއުމަށް ފުރުސަތު ދީފައިވާެއިރު މި ދަތުރުގައި ކޮކާކޯލާގެ ދެ އޮފިޝަލުންނާއި މީޑިއާގެ ތިން ފަރާތަކާ އެކު ޖުމްލަ 17 ފަރާތެއް ދަތުރުގައި ބައިވެރިވެފައިވެ އެވެ.
ކޮކާކޯލާ އިން އޭޕްރީލް 16އިން ފެށިގެން މޭ 29ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ޕެރިސް ދަތުރުގެ އިތުރުން ވެސް އަގު ހުރި އިނާމުތަކެއް ވަނީ ނަސީބުވެރި ފަރާތްތަކަށް ދީފަ އެވެ. އޭގެ ތެރޭގައި ޓީވީއާއި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ އޮރިޖިނަލް ފުޓުބޯޅަ އާއި އެ ނޫން ވެސް ތަފާތު އަގުހުރި އިނާމުތައް ހިމެނެ އެވެ.