ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ޕޮލެންޑް، ވޭލްސް އަދި ޕޯޗުގަލް ދަތުރުކޮށްފި އެވެ.
ޕޮލެންޑުން ކުއާޓާއަށް ދަތުރުކުރީ ސުވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފު ކުޅެގެންވެސް ނަތީޖާ ނު ނެރެވުމުން ޕެނަލްޓީ ޖަހައިގެން 6-5 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕޮލެންޑުންނެވެ. މިއީ މެޗުގެ 39 ވަނަ މިނެޓްގައި ޕޮލެންޑުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ޔާކޫބް ބްލާސްޗިކޯވްސްކީ ޖަހައިދިން ލަނޑެކެވެ. ނަމަވެސް މެޗުގެ 82 ވަނަ މިނެޓްގައި ސްވިޒަލެންޑްގެ ޝަޤީރީ ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން ބައިސްކަލް ކިކް އަކުން ލަނޑެއް ޖަހައި މެޗު އެއްވަރުކޮށްދީފަ އެވެ. މި މެޗުން މޮޅުވުމާއެކު ޕޮލެންޑަށް ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ ރޭ ކޮރޭޝިޔާގެ މައްޗަށް 1-0 އިން މޮޅުވި ޕޯޗުގަލްއާ އެވެ.
ކުއަރެސްމާ
ޕޯޗުގަލް އިން ކޮރޭޝިޔާގެ މައްޗަށް ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 0-0 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ގެ ތެރޭގައި ރިކާޑޯ ކުއަރެސްމާ ޖަހައިދިން ލަނޑުން 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ މެޗުގެ 117 ވަނަ މިނެޓްގައި ރޮނާލްޑޯ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ހެދި ސޮޓް އަކުން ނުކުތް ރިބައުންސެއްގައި ކުއަރެސްމާ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ.
ރޭ ކުޅުނު އަނެއް މެޗުގައި މުޅިން އަލަށް ދެވަނަ ބުރުގައި ވާދަކުރާ ނޮދަން އަޔަލެންޑް އަދި ވޭލްސް ބައްދަލު ކުރި މެޗު ވޭލްސް އިން ވަނީ 1-0 އިން ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ ހަމައެކަނި ލަނޑަކީ މެޗުގެ 75 ވަނަ މިނެޓްގައި ގެރެތު ބޭލް ނަގައިދިން ހުރަހެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އަޔަލެންޑުގެ ގެރެތު މިކްއޯލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ވޭލްސް އަށް ކުއާޓާ ގައި ބައްދަލުކުރަން ޖެހޭނީ މިރޭ ހަންގޭރީ އާއި ބެލްޖިއަމްއާ ކުޅޭ މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ.
އެ މެޗުގެ އިތުރުން މިއަދު ކުޅޭ މެޗު ތަކުގައި ބަައްދަލުކުރާނީ ޖާމަނީ އާއި ސްލޮވާކިޔާ އަދި ފްރާންސާއި އަޔަލަންޑް އެވެ.