twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުއާޓާގެ ފަހު ޖާގަތައް އިޓަލީއާއި އައިސްލެންޑް ހޯދިއިރު ޗެމްޕިއަން ސްޕެއިން ކަޓައިފި

Jun 28, 2016

ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގެ ކުއާޓާގެ ފަހު ޖާގަތައް އިޓަލީއާއި އައިސްލެންޑް ހޯދިއިރު ޗެމްޕިއަން ސްޕެއިން ކަޓައިފި އެވެ.

އިޓަލީއިން ކުއާޓާއަށް ދަތުރުކުރީ ރޭ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ. އަދި އައިސްލެންޑުން ކުއާޓާއަށް ދަތުރުކުރީ ރޭ އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ 32 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިޔާ ކުރިމަތިން އިޓަލީގެ އެޑާ ފޮނުވާލި ހިލޭ ޖެހުން ސްޕެއިންގެ ކީޕަރ ޑެ ހެއާ ދިފާއުކުރި ނަމަވެސް ރިބައުންސްގައި ނުކުތް ބޯޅަ އިޓަލީގެ ޗިއެލިނީ ވަނީ ވައްދާލައި އިޓަލީއަށް ލީޑު ހޯދާދީފަ އެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އިޓަލީއިން އުފެއްދިއިރު ދެވަނަ ހާފު ސްޕެއިން އިން ވަނީ އިޓަލީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް މެޗުގެ 91 ވަނަ މިނެޓްގައި އިޓަލީގެ ޑާމެއިން ނަގައިދިން ހުރަހަކުން ޕެއްލޭ ވަނީ އިތުރު ލަނޑެއް ޖަހައި ޗެމްޕިއަން ސްޕެއިން ކަޓުވާލައި އިޓަލީ ކުއާޓާއަށް ގެންގޮސްދީފަ އެވެ.

މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ އައިސްލެންޑުން ވަނީ  ފަހަތުން އަރާ 2-1 އިން އިންގްލެންޑު ބަލިކޮށްފަ އެވެ. މެޗުގެ 4 ވަނަ މިނެޓްގައި އިންގްލެންޑުގެ ކެޕްޓަން ވޭން ރޫނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައި ލީޑު ހޯދި ނަމަވެސް އޭގެ ދެ މިނެޓް ފަހުން ބޭރުވި ބޯޅައެއް އެއްލުމަކުން އުފެއްދި ހަމަލާއަކުން އައިސްލެންޑުގެ ސިގަޑްސަން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި މެޗުގެ 19 ވަނަ މިނެޓްގައި ސިގްތޯސަން ވަނީ ލަނޑެއް ޖަހާ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފަ އެވެ.

އައިސްލެންޑް ކުޅުންތެރިން އުފާފާލު ކުރަނީ

ކުއާޓާގައި އައިސްލެންޑަށް ނުކުންނަން ޖެހޭނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ފުރާންސާ ދެކޮޅަށެވެ. އިޓަލީއަށް ޖާމަނީއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު ދެން ކުޅޭ މެޗުތަކުގައި ބައްދަލު ކުރާނީ ވޭލްސް އާއި ބެލްޖިއަމް އަދި ޕޮލެންޑާއި ޕޯޗުގަލް އެވެ. ކުއާޓާގެ މެޗުތައް ފަށާނީ ޖުލައި އެއްވަނަ ދުވަހު 00:00 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355