އަޅުގަނޑުމެން ވާހަކަ ދައްކަމުންދާއިރު ދުލުން ބުނާ ކޮންމެ ބަހަކީވެސް އެބަހުގެ ސަބަބުން ތިމާއަށް ނުވަތަ އެވާހަކައެއް އަޑުއަހަންތިބި ބަޔަކަށް ފައިދާ ކުރަނިވި ބަހަކަށް ނުވަތަ ވާހަކަ އަކަށް ވާންޖެއެހެއެވެ. އެއްވެސް ފައިދާއެއް ނެތް ގޮތުގައި ބޭކާރު “އަނގަތެޅުމުން” ދުރުހެލިވާން ޖެހެއެވެ.
މުއުމިނުންގެ ސިފަތައް ބަޔާންކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ، “އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ.” (ސޫރަތުލް މުއުމިނޫން 3) ބޭކާރު ވާހަކަތަކުން ދުރުހެލިވެ ތިބުމަކީ މުއުމިނުންގެ ސިފައެއް ކަން މި އާޔަތުންވެސް އަޅުގަނޑުމެންނަށް އެނގިގެންދެއެވެ.
ފޫހި ފިލުވުމުގެ ގޮތުން ނުވަތަ ހުސްވަގުތު ފުރާލުމަށްޓަކައި، ނުވަތަ ރައްޓެހީންގެ ކުރިމަތީގައި ތިމާއަކީ މާ މޮޅު މީހަކަށް ވުމަށްޓަކައި ހަދަހަދައިގެން ދޮގު ވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، މީސްމީހުންނަށް މަލާމަތް ކުރުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރެއިން ފެންނަމުންދާ ނުރައްކާތެރި އަދި މުޖުތަމައު ފަސާދަ ކުރާ ސިފައެކެވެ. ސަމާސާއަކަށް ވެސް ދޮގު ވާހަކަ ދެއްކުމެއް ނެތެވެ.
މީހެއްގެ ކިބައިގައި ހުރި ސިފައެއް ކަމުގައި ވިޔަސް އެމީހަކު ނެތް ތަނެއްގައި އެމީހެއްގެ ވާހަކަ ދެއްކުމެއް ނެތެވެ. ތިމާ އަށް ކުށެއް ކުރެވުނު ކަމުގައި ވިޔަސް އެވާހަކަވެސް އިތުރު ބައެއްގެ ކައިރީ ދެއްކުމެއް ނެތެވެ. ބޮޑެތި ފާފަ ތައް ކުރުމަށް ފަހު ރަހުމަތްތެރިންގެ ކުރިމަތީ “ގަޓު” ހުރި މީހެއްކަން ދެއްކުމަށް އެވާހަކަ ތައް ދެއްކުމެއްވެސް ނުމެ ނެތްމެއެވެ.
ވާހަކަ އެއް ދައްކާނަމަ އެވާހަކައެއް ވާން ޖެހޭނީ އަޑުއަހަން ތިބި ބަޔަކަށް ފައިދާއެއް ކުރާނެފަދަ ވާހަކައަކަށެވެ. އެވާހަކަ ވާން ޖެހޭނީ އިސްލާމީ ރިވެތި އަޚްލާޤުގެ ހުދޫދުގެ ތެރޭގައި ހިމެނޭ ވާހަކައަކަށެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ފުޅު ކުރައްވާފައިވަނީ، ﷲ އަށާއި އާޚިރަތް ދުވަހަށް އިމާންވާނަމަ ހެޔޮ ބަސް ބުނާ ހުށިކަމެވެ. ނުވަތަ ހަނު ހުންނަހުށިކަމެވެ.