މި އަހަރުގެ ފުރަތަމަ ކުއާޓާރގައި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ފަރާތްތަކުގެ ނަންތައް އާންމުކުރުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އިން ނެރެފައިވާ ލިސްޓުގައި ކުޅުދުއްފުށީގެ ދެ ވިޔަފާރިއެއް ހިމެނިއްޖެ އެވެ.
މީރާއިން އާއްމުކޮށްފައިވާ ލިސްޓުގައި ވާގޮތުން ކުޅުދުއްފުށީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކަކީ ފަޒްނާ ޖަލީލް ރަސްއައިން، މާލެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފެޝަން އެންޑް ޑިޒައިން އަދި ކުޅުދުއްފުށި ތަލްފޯނުގެ ޖަމީލާ މޫސާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވޭޖަސް ފިހާރަ އެވެ.
މީގެ އިތުުރުން ހއ ދިއްދޫ އާލަމް އިސްމާއިލް ހަލީމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޖާލާ، ހއ ބާރަށް ޑައިމަންޑް ހައުސް އަލީ ހަފީޒް ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ހެދާރ، ށ ފީވަށް ނެކްޓާ އަބްދުﷲ ނައީމްގެ ނަމުގައި ރަޖިސްޓަރ ކޮށްފައިވާ އަ ވަން ފެންސީ ސްޓޯރ، އަދި ށ ޅައިމަގު ކެތި ޝަބާނާ ލަތީފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކޮފީ ޓައުން ހިމެނެ އެވެ.
މީގެ އިތުރުން އުތުރުގެ ބައެއް ކުންފުނިތައްވެސް މި ލިސްޓުގައި ހިމެނެ އެވެ. އެގޮތުން ށ. ކޮމަންޑޫ ޒެލްޑާ މޯލްޑިވްސް ޕްރަވެޓް ލިމިޓެޑް، ށ ގޮއިދޫ އޭއެކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ށ ކޮމަންޑޫ އޯލްސީސް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.
މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 10 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 89 ފަރާތަކާއެކު ޖުމުލަ 99 ފަރާތެއްގެ ނަން ހިމެނެއެވެ. ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަދަ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.