ދިރިއުޅުމުގެ ހަޔާތް ވޭތުކުރަމުންދާއިރު ދިމާވާ ކަންކަމުގައި ކެތްތެރި ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކެތްތެރިކަމަކީ، ވަރަށް މާތް ސިފައެކެވެ. މާތް ﷲ އަންގަވާފައިވަނީ އެކަލާނގެ ވޮޑިގެންވަނީ ކެތްތެރީންނާއެކުގައިކަމަށެވެ. ހަމަ އެހެންމެ ކީރީތި ގުރުއާނުގައި އެތަކެއް ފަހަރު ކެތްތެރި ވުމަށް އަންގަވާފައިވެއެވެ. އަދި ކެތްތެރި ކަމުގެ ސިފައަކީ މާތް ސިފައެއް ކަން އަންގަވާފައިވެއެވެ.
އަޅުގަނޑުމެން ދުނިޔޭގައި އުޅެމުންދާއިރު އުފާވެރި ކަންތައްތަކާއި ހިތާމަވެރި ކަންކަމާއިވެސް ކުރިމަތިލާން ޖެހެއެވެ. ހުރިހާ ފަހަރަކު ދިމާވާނީ އުފާވެރި ކަމެއް ނޫނެވެ. ހިތާމަވެރި ކަންކަމާއިވެސް ކުރިމަތިލާން ޖެހެއެވެ.
މި މައުޟޫގައި އަޅުގަނޑުމެން އެންމެ ފުރަތަމަ ގަބޫލު ކުރަންޖެހޭ ކަމަކީ، މާތް ﷲ އެއްވެސް ނަފްސަކަށް އެނަފްސަކަށް ނުއުފުލޭ ވަރުގެ ތަކުލީފެއް ނުޖައްސަވާނެ ކަމަށެވެ. އެހެންވުމުން އަޅުގަނޑުމެން ނަށް ދިމާވާ ބޮޑެތި ކަންކަމުގައި އަދި ހިތާމަވެރި ކަންކަމުގައި ކެތްތެރިވާން ޖެހެއެވެ. މާތް ރަޞޫލު ޞައްލަﷲ އަލައިހި ވަސައްލަމަ އަކީ ކެތްތެރި ކަމުގެ ރިވެތި ނަމޫނާއެކެވެ.
ދެރަވެ ހިތާމަ ކުރަންޖެހޭ ވަގުތު ތަކުގައި ތިމާގެ އަމިއްލަ ނަފްސަށް ގެއްލުން ލިބޭފަދަ ކަންކަން ކޮށް، އަޑު ހަރުކޮށް ރޮއި ހެދުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އެފަދަ ވަގުތުތަކުގައި ދުލުން ހަޑި ހުތުރު ބަސްތައް ބޭނުންކޮށް، އަމިއްލަ އަށް މަރުވާ ހިސާބަށް ކަންކަން ގޮސްގެން ނުވާނެއެވެ.
ވަރަށް މުހިއްމު ތިން ކަމެއް އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންޖެހެއެވެ. އެއީ، ﷲ އަށް އީމަންވެ ޞާލިހު ޢަމަލުތައް ކުރައުމަށާއި، އެކަކު އަނެކަކަށް ހައްޤަށް ވަޞިއްޔަތް ކުރުމަށާއި، އަދި އެކަކު އަނެކަކަށް ކެތްތެރި ވުމަށް ވަޞިއްޔަތް ކުރައުމެވެ.