twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޔޫރަޕްގެ އެއްވަނަ ބެލްޖިއަމް ބަލިކޮށް ވޭލްސް ސެމީ ފައިނަލަށް

Jul 2, 2016

ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި ދުނިޔޭގެ ރޭންކިންގެ ދެވަނާގައި އޮތް އަދި ޔޫރަޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އޮތް ބެލްޖިއަމް 3-1 އިން ބަލިކުރުމަށްފަހު، ވޭލްސް އިން ސެމީގެ ޖާގައެއް ހޯދައިފި އެވެ.

މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ވޭލްސް އިން ރޭ ބެލްޖިއަމް ބަލިކުރިއިރު ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދީ ބެލްޖިއަމްއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ހަޒާޑް ދިން ޕާހަކުން އެއް ފަހަރުން ޖަހާ ރަޖާ ނައިންގޮލަން ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ނައިންގޮލަން ރޭގެ މެޗުގައި ލަނޑު ޖަހަނީ

މެޗުގެ ކުރީކޮޅު މޮޅަށް ކުޅުނު ބެލްޖިއަމްއިން އޭގެ ކުރިންވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިއިރު އެ ހަމަލާގައި ޖެހި ތިން ސޮޓްވެސް ބެލްޖިއަމްގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފަ އެވެ.

ވޭލްސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 31 ވަނަ މިނެޓްގައި އާރޮން ރަމްސީ ނަގައިދިން ކޯނަރަކުން ޓީމުގެ ކެޕްޓަން އެޝްލީ ވިލިއަމްސް އެވެ. މުޅިން ހުހަށްހުރެ ވިލިއަމްސް ބޮލުން ޖަހައި ގޯލުގެ ތެރެއަށް މި ބޯޅަ ވައްދާލިއިރު ބެލްޖިއަމްގެ ކުޅުންތެރިންނަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

ރޭގެ މެޗަށްފަހު ވޭލްސްގެ ތަރި ބޭލް

ދެވަނަ ހާފުވެސް ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާ ބެލްޖިއަމް އިން އުފެއްދިއިރު ރޮމެލޫ ލުކާކޫ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. މެޗުގެ 55 ވަނަ މިނެޓްގައި ވޭލްސްގެ ހަލް ރޮބްސަން ކާނޫ ވަނީ ވޭލްސް އަށް ލީޑު ނަގައިދީފަ އެވެ. މިއީ އާރޮން ރަމްސީ ދިން ޕާހެއް ކޮންޓްރޯލް ކުރުމަށްފަހު ބެލްޖިއަމްގެ ތިން ޑިފެންޑަރުން ކައިރިން އެއް ފަހަރާ ނައްޓާލުމަށްފަހު ޖަހައިދިން ލަނޑެކެވެ.

މި ލަނޑާއެކު ބެލްޖިއަމް އިން ލަނޑެއް ޖެހޭތޯ ވޭލްސްގެ ގޯލަށް ނުރައްކާކުރި ނަމަވެސް މެޗުގެ 85 ވަނަ މިނެޓްގައި އަނެއްކާވެސް ލަނޑު ޖެހީ ޥޭލްސްއިންނެވެ. މިއީ ކްރިސް ގަންޓާ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ސޭމް ވޯކްސް ޖަހައިދިން ލަނޑެކެވެ.

ވޭލްސްއަށް މި މުބާރާތުގެ ސެމީ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ރޭ ޕޮލެންޑް ބަލިކޮށް ސެމީއަށް ދަތުރުކުރި ޕޯޗުގަލްއާ އެވެ. މިރޭ މި މުބާރާތުގެ ކުއާޓާގައި ކުޅޭނީ ޖާމަނީ އާއި އިޓަލީ އެވެ. މެޗު ފެށޭނީ 0000 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355