ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ގުރޫޕެއްކަމަށްވާ ބިލީފް އިން ކުޅުދުއްފުށީ އަމީނީމަގުގައި ގަސް އިންދުމުގެ ޕުރޮގުރާމެއް ފަށައިފި އެވެ.
ހޮނިހިރު ދުވަހު ހެނދުނު ފެށި މި ޕުރޮގުރާމުގައި 60 ގަސް އިންދަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހޮނިހިރު ދުވަހު އިންދަފައިވަނީ 12 ގަހެވެ.
މި ގަސް އިންދުމުގެ ޕުރޮޖެކްޓުގައި ބިލީފްގެ 12 ވޮލަންޓިއަރުންގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އައިމަން ބައިވެރިވެފައި ވެއެވެ.
މި ޕުރޮޖެކްޓަކީ ކުޅުދުއްފުށީ ކައުންސިލުން ބިލީފްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ބިލީފްގެ ފައުންޑަރު އަފާ ބުނީ މި ޕުރޮޖެކްޓުގައި އިންދާ ގަސްތައް ވެސް ހަދިޔާކޮށްފައިވަނީ ކައުންސިލުން ކަމަށާއި . މި 60 ގަސް އިންދުމަށް 2 ހަފްތާވަރު ވާނެކަމަށް އަފާ ބުންޏެވެ.
މިފަދަ ޕުރޮޖެކްޓެއް ކައުންސިލުން ބިލީފަށް އިތުބާރުކޮށް ހަވާލުކުރުމުން ކައުންސިލަށް ޝުކުރުއަދާކުރާ ކަމަށާއި އަދި ކައުންސިލްގެ ނައިބް ރައީސް އަމަލީ ގޮތުން ގަސް އިންދުމުގެ ހަރަކާތުގައި ބައިެވރިވާތީ އެކަން ފާހަގަކޮށް އަފާ ވަނީ އައިމަން އަށް ޝުކުރުއަދާކުރައްވާފަ އެވެ.