މިހާރު ހުއްޓާލާފައިވާ ރާއްޖޭގެ ނޫހެއް ކަމަށްވާ ހަވީރު ނޫހުގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރާނަމަ ފިޔަވަޅު އެޅުމަށް ސިވިލް ކޯޓުން ހޯމް މިނިސްޓްރީގެ މައްޗަށް ހުކުމްކޮށްފިއެވެ.
ހައިކޯޓުގައި ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭ ގޮތުން ކޮށްފައިވާ ހުކުމުގައިވާ ކަންކަން ތަންފީޒު ކޮށްދިނުމަށް އެދި ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އަބްދުﷲ ފާރޫގު ހަސަން އާއި މުހައްމަދު ނައީމް އަދި އިބްރާހިމް ރަޝީދު މޫސާ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ހަވީރު ހިންގުން ތިން ހިއްސާދާރުން ސާމިލުވާ ގޮތަށް ހިންގުމަށެވެ. ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައިވާއިރު ހަވީރުގައި މަސައްކަތްކުރަމުންދާ އެއްވެސް މުވައްޒަފަކަށް އެހެން ނޫހެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ހުކުމުގައި އެވެ. އަދި އެގޮތާ ހިލާފަށް އެއްވެސް މުވައްޒަފަކު އަމަލުކުރާނަމަ ހޯމް މިނިސްޓްރީ މެދުވެރިކޮށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
މި އަމުރަކީ ދެ އަހަރު ދުވަހަށް ހިނގާނެ އަމުރެއް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ
.
ހުކުމްގައި ބުނެފައިވާގޮތުން މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށްފައިވަނީ އޭގެ ސަބަބުން ހަވީރަށް ގެއްލުން ލިބިދާނެތީ ކަމަށެވެ.