ފިތުރު އީދު ބަންދާ ދިމާކޮށް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ދެ ދުވަހުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މިޕްރޮގްރާމްގައި އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބަލަމުން ގެންދާނެ ކަމަށް އެފަރާތުން ބުނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީއެފުން ބެނެއެވެ.
މިޕްރޮގްރާމް ރޭ މާލޭ ބަނދަރު ސަރަހައްދުގައި ފަށާފައިވާއިރު ގިނަ އަދަދެއްގެ އުޅަނދު ރޭ ވެސް ޗެކް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.