ދިރާގު ކޮންމެ އަހަރަކު ބާއްވަމުން އަންނަ “ދިރާގު މޯލްޑިވްސް ރޯޑްރޭސް” ގެ މިއަހަރުގެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް (އެން.ޖީ.އޯ) ހުޅުވާލައިފިއެވެ.
އެގޮތުން މި އަހަރުގެވެސް ރޯޑް ރޭހުގެ ޝިއާރަކަށް އެ ކުންފުނިން ކަނޑައަޅާފައިވަނީ ކުޑަކުދިން ރައްކާތެރިކުރުމާއި އެކުދިންނަށް ކުރެވޭ ތަފާތު އަނިޔާތައް ހުއްޓުވުމުވެ. އެގޮތުން މި އަހަރު މި ފުރުސަތު ލިބިގެންދާ ޖަމިއްޔާތައް ހޮވުމުގައި އެންމެ އިސްކަމެއް ދެވޭނީ މި ދާއިރާގައި މަސައްކަތް ކުރައްވާ ޖަމިއްޔާތަކަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މި އަހަރުވެސް ހޮވޭ ޖަމިއްޔާތަކަށް ރޭހުގެ ބައިވެރިން ވޯޓް ލައިގެން އެންމެ ގިނަ ވޯޓް ލިބޭ 5 ޖަމިއްޔާއަކަށް، ކޮންމެ ޖަމިއްޔާއަކަށް 20،000 ރުފިޔާގެ ރޭޓުން ޖުމްލަ 100،000 ރުފިޔާ ހަދިޔާ ކުރުމަށް ދިރާގުން މިވަނީ ނިންމަވާފައިވާއިރު ރޭހުގެ ޕާޓްނަރ ޖަމިއްޔާއެއްގެ ގޮތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޖަމިއްޔާތަކަކީ ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި މި ދާއިރާގައި އެދެވޭ މަސައްކަތް ތަކެއް ކޮށްފައިވާ އަދި ކުރިޔަށް އޮތް 12 މަސް ދުވަހުގެ ތެރޭގައިވެސް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ރާވާފައިވާ ފަރާތްތަކަކަށް ވާންވާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގުން އިންތިޒާމް ކޮށްގެން ކޮންމެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތިގެން ކުރިޔަށް ގެންދާ މި ރޭސް ވިދިވިދިގެން ކުރިޔަށްގެންދާތާ މިއީ 10 ވަނަ އަހަރެވެ.
މި ދާއިރާގައި މަސައްކަތް ކުރައްވާ ރާއްޖޭގެ ކޮންމެ ޖަމިއްޔާއަކަށްވެސް 16 ޖުލައި 2016 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާ އިރު، ހުށަހަޅަންޖެހޭ ތަކެއްޗާއި އަދިވެސް އިތުރު މައުލޫމާތު ރޭހުގެ ވެބްސައިޓް www.dmrr.mv އިން ލިބިވަޑައިގަންނަވާނެއެވެ.