އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ނުހޯދައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޔުނިފޯމް ބަދަލުކުރި މައްސަލާގަ އާއި އެތަނުގެ ބައު ހޯލް އިމާރާތް މަރާމާތްކުރުން މަޑު ޖައްސާލި މައްސަލާގައި އޭރު އެ ސްކޫލު ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބުދުﷲ ވަޒީފާއިން ވަކިކުރުމުން އޭނާގެ ދިފާއުގައި އެސްކޫލުގެ ގިނަ ބެލެނިވެރިންތަކެއް ތެދުވެއްޖެ އެވެ.
ބެލެނިވެރިންގެ އިސްނެގުމާއެކު ވަޒީފާ ގެއްލުނު ޑެޕިއުޓީއަށް ވަޒީފާ އަލުން ދެއްވުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަން ތައްޔާރުކުރާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ކޭއޯއާ ވާހަކަ ދެއްކި ބެލެނިވެރިން ބުނީ އަހުމަދުގެ ވަޒީފާ ގެއްލުނީ “ސްކޫލުގެ ހައްޤު” ގައި މަސައްކަތް ކުރާތީ، މިނިސްޓްރީގައި ތިއްބާ ބައެއް އިސްވެރިންނަށް އެކަން ހަޖަމް ނުވެގެން ކަމަށެވެ.
ޕީޓީގެ ރައީސް އުމްކުލްސޫމާ އިބުރާހިމް މިއަދު ވިދާޅުވީ އަހުމަދުގެ ވަޒީފާ އަލުން ދެއްވުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަން ތައްޔާރުކުރާ ޕެޓިޝަނެއްގައި ސޮއިކުރުން ބެލެނިވެރިން އިސްނެގުމާއެކު ކުރިއަށްދާ ކަމަށެވެ. އުއްމު ވިދާޅުވީ އެމައްސަލައަކީ ބެލެނިވެރިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ ފުރަތަމަ މަސައްކަތްކުރަނީ މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހައްލުކުރެވޭތޯ ކަމަށެވެ. ވާހަކަ ދައްކައިގެ މައްސަލަ ހައްލުނުވެއްޖެ ނަމަ ދެން ކަންތައް ކުރާނެ ގޮތަކާއި މެދު ޕީޓީއޭގައި ވާހަކަ ދައްކާނެ ކަމަށެވެ.
މި ދެ މައްސަލާގައި އަހުމަދު ވަޒީފާއިން ވަކިކުރެއްވިކަން އޭނާއަށް އަންގާފައިވަނީ ޖުލައި 5 ވަނަ ދުވަހު އެވެ.
އަހުމަދަކީ ހދ އޭއީސީގެ އެކި މަގާމުތައް 10 އަހަރަށް ވުރެ ގިނަ ދުވަހު ފުރުއްވާފައިވާ ގިނަ ދަރިވަރުންތަކަކާއި ބެލެނިވެރިންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ.