twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބައިބަލާ މުބާރާތުގައި މިސްޓޭކުން ހެދި ބޮޑު މިސްޓޭކް !

Jul 14, 2016

ރާއްޖޭގައި އެންމެ ގިނަ މީހުން ބަލާފައިވާ ފޭސްބުކް ވީޑިއޯ އަކަށް ޕްރިޔަންކާގެ ވަރުގަދަ ފޭން އެއް ކަމުގައިވާ ސުނީތާ އަލީ ކުޅެފައިވާ ޓްރާންސް ބްރޭންޑްގެ އޭސީ އިސްތިހާރު ވާނެ އެވެ. ފާ ހޮރައިޒަން ޕޭޖުން ޝެއާ ކޮށްފައިވާ މި ވީޑިއޯގެ އޮރިޖިނަލް 2 ލައްކައާ ކައިރިކުރާ އަދަދަކަށް މިހާރު ވަނީ ބަލާފަ އެވެ. އެއީ ކޮންމެހެން އެ އިޝްތިހާރު މާ ކަމުގޮސްގެން ނޫން ކަން ޔަޤީނެވެ. ނަމަވެސް ސުނީތާ އުޅޭތީ އެވެ. އަދި އެއާއެކު އެމެރިކާގެ ޓްރާންސް ބްރޭންޑްގެ އޭސީވެސް އެންމެން ދަންނަ އެއްޗަކަށް ވެއްޖެ އެވެ.

އެ ވީޑިއޯއެއް ނޫނެވެ. މީ މާބޮޑު ހަބަރެއްވެސް ނޫނެވެ. އެކަމަކު ކުޅުދުއްފުށީގައިވެސް ދާދި ފަހުން މޮޅު ކަމެއް ކޮށްލައިފި އެވެ. ސަޅި ވީޑިއޯއެއްވެސް އެބައިނެވެ. ބައިބަލާގެ ތާރީޚްގައިވެސް އެންމެ މޮޅު ގަދަހިފުން ކަންނޭގެ އެވެ. މިއަހަރުގެ ކުޅުދުއްފުށީ ބައިބަލާ ޗެލެންޖުގައި މިސްޓޭކް ސްޕޯޓްސް އަދި ލުނަޓިކް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ގަދަ ހިފުމުގައި ބޭރުން އެރި ކުޅުންތެރިޔާ، އެތެރޭން އެރި ކުޅުންތެރިޔާ ކޮށްޕާލައި މޮޅުވީ ކަމަށް ނިންމާ ޖާޒީ ގަނޑު ނައްޓާލައި ހަށިގަނޑު ފުއްޕާލައި އުފާފާޅު ކޮށްލި އެވެ. އަދި ނުވިތާކަށް އެތެރޭ ހުރި ކުޅުންތެރިޔާއާ ސަލާން ގަލާންކޮށް ބައްދައިވެސްލި އެވެ. މި ހުރިހާ ސަކަރާތެއް ޖެހީ ރިންގުން ބޭރަށް ނުނިކުމެ އެވެ.

ގަދަ ހިފުމުގައި ބޭރުން އަރާ ކުޅުންތެރިޔާއަށް މޮޅުވެވޭނީ 15 ސުކުންތުގެ ތެރޭގައި އެތެރޭ ހުންނަ ކުޅުންތެރިޔާގެ ގައިގައި އަތްލުމަށްފަހު ރިންގުން ބޭރަށް ނުކުމެވިއްޖެ ނަމަ އެވެ. އޭރު މިސްޓޭކް ކުޅުންތެރިން އޭނާއަށް ބޭރަށް ނުކުތުމަށް ހަޅޭއްލަވަމުންދިޔައިރު، ލުނަޓިކްސް ކުޅުންތެރިން އޭނާ ހިފަހައްޓަން ގޮވަމުން ދިޔަ އެވެ. ދެމީހުންނަށް ރަނގަޅަށް ރޭކާލިއިރު އޮތީ ނިކަން ލަސްވެފަ އެވެ. ލުނަޓިކްސްގެ ކުޅުންތެރިޔާ ވަގުތުން މިސްޓޭކް ގެ ކުޅުންތެރިޔާ ހިފެހެއްޓި އެވެ. މިސްޓޭކްގެ ކުޅުންތެރިޔާއަށް ބޮޑުބައިގެ “މިސްޓޭކެއް” ހެދުނީ އެވެ. ވީޑިއޯ ބަލާލީމާ އިތުރު ތަފްަސީލަކަށް ބޭނުމެއްވެސް ނުވާނެ އެވެ.

މި ތަން އެތައް ބަޔަކު ވީޑިއޯ ކުރިއިރު އެންމެ ހިންގާފައިވަނީ ފާރޫޤް މުހައްމަދު މާދޫގެ، ޝެއާ ކޮށްފައިވާ ވީޑިއޯ އެވެ. މިހާރު ގާތްގަނޑަކަށް 27,000 ފަހަރު ބަލާފައިވާއިރު 500 އަށްވުރެ ގިނަ ޝެއާ ލިބިފައިވެ އެވެ. ކުޅުދުއްފުށީގެ ވީޑިއޯ ކޮޅަކަށް އެންމެ ހިނގި ވީޑިއޯއަށް ވާނެ އެވެ. މީގެ އިތުރުން މަޝްހޫރު ފޭސްބުކް ޕޭޖް “ހާމާން” އިންވެސް މި ވީޑިއޯ ޝެއާ ކޮށްފައިވާއިރު އެ ވީޑިއޯ އަށް ވެސް މިހާރު ވަނީ 500 އާ ގާތްކުރާ އަދަދަކަށް ޝެއާ ލިބިފައިވެ އެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގެ މަޝްހޫރު ޕޭޖްތަކުން ވަނީ މި ވީޑިއޯ ޝެއާ ކޮށްފަ އެވެ.

މީގެ ކުރިން ކުޅުދުއްފުށީގައި ބައިބަލާ މުބާރާތެއްގައި ހިނގާފައިވާ އެންމެ މަޝްހޫރު ހާދިސާއަކީ ބޭރު ގޭމެއް އެނބުރިފައި އޮއްވައި ފޮނި ދައްކާލަން ބުރެއް އަޅާލި ތަނުން ބޭރުން އެރި ކުޅުންތެރިޔާ ހިފެހެއްޓި ހާދިސާ އެވެ. ނަމަވެސް އެ މެޗުގެ ފަހު ވަގުތު އެ ޓީމުގެ ކުޅުންތެރިޔަކު ހަތަރު ކުޅުންތެރިން ނުބައިކޮށްގެން އެ ޓީމު މޮޅުކޮށްދިނެވެ. މިހާރުވެސް އެ ކުޅުންތެރިޔާ އެރުމުން އެކަމަށް ނިސްބަތްކޮށް ނިކަން ސަޕޯޓްވެސްދެ އެވެ. އޭރު އަދި ވީޑިއޯ ކުރުން މިހާރުހާ މަޝްހޫރެއް ނޫނެވެ.

މާލޭގެ ބައިބަލާ މުބާރާތްތަކުގައި ހަމަނުޖެހުން ހިނގާ ވީޑިއޯތައް އެންމެ ހިނގާއިރު ކުޅުދުއްފުށީގައި މި ހިނގަނީ މީހުން ހެއްވާލާ އުފާކޮށްލާ ކަހަލަ ހާދިސާތަކެވެ. މާލޭގެ ބައިބަލާ މާ ބޮޑަށް ދޮށީ ވީމާވެސް އެހެންވެދާނެ އެވެ. ކުޅުދުއްފުށީގެ ބައިބަލާގެ ޅަފަތުގައި ވީމާ އެހެންވަނީ ކަމަށްވެސް ވެދާނެ އެވެ. ކޮންމެ ގޮތެއްވިޔަސް މި ވީޑިއޯއަކީ ދެން ނިކަން މޫޑް ކަޓާފައި ހުންނަ ގަޑިއެއްގައިވެސް ބަލާލަން ވަރަށް ފައްކާ ވީޑިއޯ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355